ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ ރަށްތަކަށް ޕަމްޕު ފޯރުކޮށްދީފިއެވެ. އެގޮތުން ފެންބޮޑުވާ 72 ރަށަކަށް ޕަމްޕު ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން މިއަދު ބުނެފިއެވެ.
ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީ، ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފުލުހުންނާއި ސިފައިން އަދި އެންޑީއެމްއޭ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް މިއަދު ވަނީ ފަށައިފަ އެވެ.
އެ އޮޕަރޭޝަންއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ފެންބޮޑުވުމުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި އާންމުކޮށް ފެންބޮޑުވާ ރަށްރަށަށް ފެން ހިންދަން ބޭނުންވާ ވަސީލަތްތައް އެ އިދާރާއިން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވާ ހާލަތްތަކުގައި އަބަދުވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށްޓަކައި އެ ރަށެއްގައި ކައުންސިލްގެ ބައިވެރިވުމާ އެކު އެކުލަވާލާފައި އޮންނަ ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމްތަކުން ކަމަށެވެ. އަދި އެ ޓީމްގެ ކެޕޭސިޓީއަށް ނުފެތޭ ވަރަށް ފެންބޮޑުވެއްޖެ ނަމަ، ފުލުހުންނާއި ސިފައިންނާއި ކުންފުނިތަކުން ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ
މިއަދުން ފެށިގެން އަނެއްކާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭ އިން ކުރިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ

