ދިވެހިންގެ ހިތްތަކުން އެއަސަަރުތައް ފިލައިނުދާފަދަ އިހުސާސްތައް އެކުލެވޭ ފިލްމުތައް އުފައްދާފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޑައިރެކްޓަރ ފާތުމަތު ނަހުލާގެ ބޮސް އަށްފަހު އެހެން ފިލްމެއްގެ އިންތިޒާރުގައި ތިބި އެތައް ދިވެހިންނަށް އުފާވެރި ހަބަރު ދިންތާ ދުވަސްކޮޅެއް ވެފައިވާއިރު، ނަހޫ އޭނާގެ “ސޮރީ”ގެ ކަންކަން ކުރިއަސް ގެންދަނީ ވަރަށްވެސް ތަފާތު ގޮތްގޮތަށް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ނަހޫ މިވަނީ އޭނާގެ ސޮރީއަށް ނެށުންތެރިން ހޯދަން ސޯޝަލްމީޑިއާގައި އިއުލާން ކޮށްފަައެވެ.
އެޕޯސްޓުގައި ނަހޫ ބުނެފައި ވަނީ ޝޫޓިންގ ގެ ލަވައަކަށް ނަށާ ކުދިންކޮޅެއް ބޭނުންވާ ކަމަށެވެ. ކަމަދޫ ނޫނީ ރީތިކޮށް ނަށާލެވޭ އަންހެންކުދިން ތިބި ރަށެއް ނެތްތޯ ވެސް ސުވާލު އުފައްދާފައިވެއެވެ. ނަހޫގެ މިބަސްތަކަކީ ހައިރާންވާފަދަ ބަސްތަކެއް ނޫނެވެ، ސަބަބަކީ ނިމިދިޔަ އަހަރު ސޯޝަލްމީޑިއާގައި އެންމެ ހޫނުކޮށް ދެކެވުނު ވާހަކައަކީ ކަމަދޫ ފަތްމިނިންގެ ނެށުންތަކުގެ ބަނޑިލެއްވުންތަކުގެ ވާހަކަ ކަމަށްވާތީއެވެ. އެހެންކަމުން ނަހޫ ބުނެފައި އޮތީ ސައްތައިން ސައްތައިގެ ސައްހަ ވާހަކައެއް ކަމަށް އެއްބަސްވެވޭ އެހެންނޫންތޯއެވެ.
“ކަމަދޫ ނޫނީ ރީތިކޮށް ނަށާލެވޭ އަންހެން ކުދިން ކޮޅެއް ތިބި ރަށެއް ނެތްތަ؟
މާފުކުރައްވާ، ޝޫޓިންގގެ ލަވައަކަށް ބޭނުންވެގެން މިއުޅެނީ. ބައިވެރިވާނެ ކުދިން ކޮޅެއް އަންގާލަދީބަލަ،” ނަހޫ، އެފްބީ ޕޯސްޓު
ޮކޮންމެއަކަސް ނަހޫ ގެ މިޝޫޓިންގގައި ބައިވެރިވުމަށް މިއޮތީ ރަނުގެ ފުރުސަތު ހުޅުވާލާފައެވެ. ކަމަދޫ އެއް ތޯ އޮމަދޫ އެއްތޯ ނޫނީ މަނަދޫ އެއްތޯ ފޮނަދޫއެއްތޯ ބަލާނެ ކަމެއް ނެތެވެ. ކޮންމެ ރަށެއްގެ ވިޔަސް ފަރިފަރި ބަނޑިލައްވައި ފުރިހަމަ ހަރަކާތްތަކަކުން ހިތްތަކުގެ ފުންމިނަށް އަސަރު ފޯރުވެންޏާ އެނިމުނީތާއެވެ. ކަމަދޫ ނޫނަކަސް ހަމަ ޗާލުކޮށް ނަށާ ކުދިން ރާއްޖޭގައި އުޅޭކަން ޔަގީނެވެ. ވީއިރު އެހެން ރަށްރަށުގެ ކުދިން ނެށުމުގައި ވަކި ކަމަދޫ ކުދިންނަށް ދުލެއް ނުކުރާނެ ތާއެވެ.
ނަހޫގެ ފިލްމު “ސޮރީ”ގެ ޝޫޓިން ފަށާފައިވަނީ 2024 ޑިސެމްބަރު 17ވަނަ ދުވަހު އެވެ.
“ސޮރީ” އަކީ ނަހޫ އަދި ރަވީ ފާރޫޤުގެ ޑައިރެކްޝަނެކެވެ. މި ފިލްމާމެދު ނަހޫ ބުނެފައި ވަނީ މިއީ ނަހޫ އަދި ރަވީގެ ޑުއޯ ޑައިރެކްޝަނެއް ފެނިގެންދާނެ ފިލްމެއް ކަމަށާއި މި ފިލްމުންވެސް ނަހޫގެ އެންމެ ކާމިޔާބުވެެން ދިޔަ ފިލްމުތަކުން ފެނިގެންދިޔަ ސްޓައިލާއި އެ އަސަރުތައް ފެންނާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
ފިލްމު “ސޮރީ”ގެ ލީޑްގައި ހަރަކާތްތެރިވަނީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބަޠަލާ މަރްޔަމް އައްޒަ އަދި މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. މއަދި މި ފިލްމުގެ ވަރަށް ބޮޑު ރޯލަކުން ނަހުލާގެ ހަގު އަންހެން ދަރިފުޅުގެ އިތުރުން ނާޝްގެ ދަރިފުޅުވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމުގެ ލީޑުން އިތުރު ބައެއް ތަރިންތައްވެސް ފެނިގެންދާނެ އެވެ.
ފިލްމު “ސޮރީ”ގައި ހިމެނޭ ލަވަތަކުގެ ތެރެއިން ގިނަ ލަވަތައް މިހާރު ވަނީ ރެކޯޑިން ހަދާފައެވެ. އެގޮތުން ތޭރަގެ އަޑުން ކިޔާފައިވާ ހިތްގައިމު ލަވައެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާއްމުކޮށްފައެވެ. އަދި މިލަވައިގެ ކެރިއޯކޭ ލަވައެއް ކިޔައިގެން އަގުހުރި އިނާމެއް ހާސިލު ކުރުމުގެ ފުރުސަތުވެސް ދުވަސްކޮޅެއް ކުރިން ނަހޫ ވަނީ ހުޅުވާލާފައެވެ.
ނަހޫ އަކީ ރާއްޖޭގެ އެތައް ބައެެއްގެ ހިތުން ޖާގަ ހޯދާފައިވާ ކާމިޔާބު ލިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ. މިހާތަަނަށް ނަހޫ ނެރުނު ފިލްމުތަކުގެ ތެރެއިން 95 އިންސައްތަ ފިލްމު ވަނީ ސުޕަރހިޓް ވެފައެވެ. އޭގެ ތެރެއިންވެސް ނާއުންމީދު ޒުލޭޚާ ޔޫސުފް އަދި ބޮސް މިއީ ނުހަނު ބޮޑަށް ކާމިޔާބުވެފައިވާ ފިލްމުތަކެކެވެ.
އަދި މިހާރު ބެލުންތެރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދަނީ ނަހޫގެ “ސޮރީ” ރިލީޒް ވާނެ ދުވަހަކަށެވެ.

