މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އިން 100 ރުފިޔާ ނޫޓުގެ އައު ޗާޕެއް އަންނަ ހަފުތާގެ އާދިއްތައިގައި ނެރެން ތައްޔާރުވެއްޖެއެވެ.
އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ނޫޓާއެކު ކުރީގެ ނޫޓުތައް ވެސް ދައުރުވެގެން ދާނެއެވެ. އަދި މި އައު ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނިފައިވާނެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއިކަމަށް އެ ބޭންކުން ބުންޏެވެ.
މި އައު ނޫޓުގައި ސޮއި ކޮށްފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޚަކީ 7 ޖުލައި ،2024 1 މުޙައްރަމް 1446 އެވެ.
އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރުފިޔާގެ ނިޝާން ތަޢާރަފުކުރެވުނީ 2022 ޖުލައި 16 ގައެވެ. މިހާރު ބޭނުންކުރަމުންދާ “ރަންދިހަ ފަހެއް” ޕޮލިމާ ނޫޓު ސީރީޒް ތަޢާރަފުކުރެވުނީ 2016 ގައެވެ. 2016 ގައި ތަޢާރަފުކުރެވުނު ނޫޓު ސީރީޒްގައި ސޮއިކުރައްވާފައިވަނީ އޭރުގެ ގަވަރުނަރު މަރިޔަމް އަމީޒާއެވެ.
މި އައު ނޫޓުގައި ރުފިޔާގެ ނިޝާން ހިމެނުމަކީ ދިވެހި ފައިސާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކަމެކެވެ.

