ނިމިދިޔަ 2024 ގައި 15،000 އަށްވުރެ ގިނަ އުޅަނދު ޓޯ ކުރިކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ. މިއީ ފުލުހުން ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި ޓޯ ކުރެވުނު އުޅަނދުތަކެކެވެ. މުޅި ޖުމްލަ 15،514 އުޅަނދު ޓޯ ކޮށްފައިވާއިރު 7،606 އުޅަނދުގެ ވެރިފަރާތްތަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ޓޯކުރެވުނު އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި، 478 ޕިކަޕާއި، 369 ވޭނާއި 87 ޓްރަކް ހިމެނެއެވެ.
މީގެ ތެރެއިން 546 އުޅަނދު ނައްތާލުމަށްފަހު 13،562 އުޅަނދު ވަނީ އޭގެ ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ.
ފިޔަވަޅު އެޅުނު އުޅަނދުތަކުގެ ތެރޭގައި ދެފުރޮޅުލީ 2،005 އުޅަނދާއި ހަތަރު ފުރޮޅުލީ 133 އުޅަނދު ހިމެނެއެވެ. މީގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ފިޔަވަޅު އެޅުނު ދެފުރޮޅުލީ 271 އުޅަނދާއި ހަތަރު ފުރޮޅުގެ 22 އުޅަނދު ހިމެނެއެވެ.
މީގެ އިތުރުން، ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ޖުމްލަ 73،953 އުޅަނދު ޗެކްކޮށްފައިވާއިރު، 66،347 މީހަކަށް 66،347 މީހަކަށް ނަސޭހަތްދީ، 7،606 މީހަކަށް ވަޔަލޭޝަން ސްލިޕް ދޫކޮށްފައިވެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މި މަސައްކަތް ކުރިއަށް ގެންދަނީ މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ.

