މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭ ވެހެމުންދާ މޫސުން ގޯސް ދުވަސްކޮޅަކަށް ވުމާއެކު، ބަލިތަކުން ރައްކާތެރިވުމަަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ.
ވިއްސާރަ މޫސުމަކީ ގިނަ ބަލިތައް ފެތުރޭ މޫސުމެކެވެ. މިފަދަ ދުވަސްވަރު ހުމާއި އަރިދަފުސް ރޯގާ ފަދަ ބަލިތައް ޢާންމުވެ، ގިނަ ބަޔަކު ބަލިވުމުގެ ފުރުސަތު އިތުރުވެއެވެ. މޫސުން ގޯސް ދުވަސްވަރު، ޚާއްޞަކޮށް ބަލިމަޑުކަމުން ސަލާމަތްވުމަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ މައިގަނޑު ކަންތައްތައްތަކުގެ ތެރެއިން މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުމެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިންނަށް މާސްކު އެޅުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެނގުނެވެ. އެހެންނަމަވެސް، މާސްކު އެޅުން މަޖުބޫރު ކުރި އަމުރު ބާޠިލު ކުރެވުމާއެކު، ގިނަ ބަޔަކު މާސްކު އެޅުން ހުއްޓާލިއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ސަބަބަކީ މާސްކު އެޅުމަކީ ހަމައެކަނި ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށްވާތީއެވެ.
މާސްކު އެޅުމުން ލިބޭ ފައިދާތައް
މާސްކު އެޅުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. ވައިގެ ތެރޭގައި އުޅޭ ބެކްޓީރިއާ އާއި ވައިރަސްތަކުން ރައްކާތެރިވުމަށް މާސްކަކީ ވަރަށް މުހިންމު ވަސީލަތެކެވެ. ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި ފެތުރޭ އާންމު ރޯގާތަކުން ރައްކާތެރިވުމަށް މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

މޫސުން ގޯސް ދުވަސްކޮޅަކަށް ވުމާއެކު، ބަލިތަކުން ރައްކާތެރިވުމަަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ./ ފޮޓޯ:މެޑީލައިފް
މާސްކު އެޅުމާމެދު މުޖުތަމަޢުގެ ނަޒަރު
އަފްސޫސްހުރި ކަމަކީ، މާސްކު އެޅުމަކީ އަދިވެސް ގިނަ ބަޔަކު ތަރުހީބުދޭ ކަމަކަށް ނުވުމެވެ. ބައެއް މީހުން މާސްކު އަޅާ މީހުންނާ ދިމާލަށް ފާޑުކިޔައި، މަލާމާތްކުރާ މަންޒަރު ފެންނަމުންދެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަމިއްލަ ސިއްޙަތަށް ރައްކާތެރިވުމަށް އަޅާ ފިޔަވަޅަކާ ދިމާލަށް މިފަދަ ގޮތަކަށް ވާހަކަދެއްކުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.
މާސްކު އެޅުމުގެ އާދަކާދަ އަށަގެންނެވުން
މާސްކު އެޅުމުގެ މުހިންމުކަން ރަނގަޅަށް ވިސްނޭ މީހުން، އެކަމުގެ ފައިދާ ދެނެގަނެ، އެކަން އާދައެއްގެ ގޮތުގައި ގެންގުޅޭކަމެވެ. ގޭތެރޭގައި ކުނިކެހުމުގައި އަދި ހިރަފުސް ގިނަ މާޙައުލުތަކުގައި މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.
މާސްކު އެޅުމަކީ އެއްވެސް ގެއްލުމެއް ހުރި ކަމެއް ނޫނެވެ. އަދި ކިބުރުވެރިކަމުން ނުވަތަ ބޮޑާކަމުން ކުރާ ކަމެއްވެސް ނޫނެވެ. މިއީ އަމިއްލަ ސިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި އަދި ބަލިމަޑުކަން ފެތުރޭ ދުވަސްވަރު މާސްކު އެޅުމަކީ ކޮންމެ މީހަކުވެސް އިސްކަންދޭންވީ ކަމެކެވެ. އަދި މާސްކު އަޅާ މީހުންނާމެދު ނުރަނގަޅު ގޮތަކަށް ދެކުމުގެ ބަދަލުގައި، އެކަމުގެ މުހިންމުކަން ދެނެގަނެ، އެކަމަށް ހިތްވަރުދޭން ޖެހެއެވެ.

މޫސުން ގޯސް ދުވަސްކޮޅަކަށް ވުމާއެކު، ބަލިތަކުން ރައްކާތެރިވުމަަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ./ ފޮޓޯ:މެޑީލައިފް
މާސްކު އެޅުން ފިޔަވައި ސަމާލުވާންވީ އެހެން ބައެއް ކަންކަން
މާސްކު އެޅުމުގެ އިތުރުން ވެސް އިތުބާރުހުރި ވަސީލަތްތަކުން މޫސުމާ ބެހޭ މަޢުލޫމާތު ހޯދައި، އިންޒާރުތަކަށް ސަމާލުވުމަކީވެސް މުހިންމު ކަމެކެވެ. ހަށިގަނޑުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް، ޚާއްޞަކޮށް ބޭރަށް ނުކުމެ އުޅެފައި އެނބުރި ގެއަށް އައުމަށްފަހު އަތްފަޔާއި މޫނު ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ބޯން ބޭނުން ކުރާ ފެނަކީ ސާފު ރައްކާތެރި ފެން ކަން ކަށަވަރުކޮށް، ޝައްކު އުފެދޭނަމަ ފެން ކެއްކުމަށްފަހު ނުވަތަ ފެން ސާފުކުރާ ފިލްޓަރއެއް ބޭނުން ކުރަން ވާނެއެވެ.
ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް، މޭވާއާއި ތަރުކާރީ ގިނައިން ހިމެނޭ ރަނގަޅު ކާނާ ކެއުން މުހިންމެވެ. އަދި އެންމެ މުހިންމު އެއްކަމެއްގެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށް، ގޭ ވަށައިގެން ފެން ތާށި ނުވާނެހެން ބެލެހެއްޓުމާއި، މަދިރި މަރާ ބޭސް އަދި މަދިރި ލޯވޝަން ބޭނުންކުރުން މުހިންމެވެ.
މޫސުމަށް އެކަށޭނަ ހެދުން ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީ ހޯދުން މުހިންމެވެ.
އެންމެ ފަހުން، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތްކޮށް، އެކަކު އަނެކަކަށް އެހީތެރިވެ، މަޢުލޫމާތު ހިއްސާ ކުރުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެކެވެ.

