ސައްޙަ ނޫން ފޯމްތަކެއް މެދުވެރިކޮށް ރައްޔިތުން ޕީއެންސީއަށް ވެއްދި މައްސަލަ އެ ޕާޓީއިން ބަލަން ފަށައިފިއެވެ.
ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “މެމްބަރޝިޕް ޑްރައިވް” ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް، މަދުން ނަމަވެސް ޞައްޙަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އަދި ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ޕާޓީގައި ނެތުމުން، ފޯމެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭ ހިސާބަކީ އީސީއަށް ފޯމުގެ ހުށަހެޅުމުގެ ފަހުގެ މަރުހަލާއެއް ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. މިއީ ޕީއެންސީއަށް އެކަނި އޮތް ގޮންޖެހުމެއް ނޫން ކަން ވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ސައްހަ ނޫން ފޯމުތަކެއް ޕާޓީގެ ހުށަހަޅާފައިވާ މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވާތީ އެ ތަހުގީގަށް ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ޕީއެންސީން ވަނީ ދީފައެވެ.
މިފަދަ ކަންކަމަކީ އެ ޕާޓީން ތާއީދުކޮށް ހިތްވަރު ދޭ ކަންކަން ނޫން ކަމަށާއި ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް، ނޭނގި އެ ޕާޓީއަށް ވައްދާފައިވާ ނަމަ ޕާޓީއަށް މެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ ގޮތުގައި ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި ޕާޓީ ބަދަލުކުރުމުގެ 300 އަށްވުރެ ގިނަ މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓިއެއް ވެސް ހިމެނެއެވެ

