މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ހީނާމާގެ ޕާކިން ސަރަހައްދުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 17 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ބިދޭސީން އިސްވެ ތިބެ ހިންގަމުންދާ ފިހާރައާއި ކެފޭފަދަ ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. އަދި މި ތަންތަނުގައި ސައްހަ ވިސާއެއްނެތި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އިމިގްރޭޝަނުން ދަނީ އެކި ދުވަސްމަތިން މިފަދަ ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައެވެ.
ސަރުކާރުން ދަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މި މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

