ދިވެހި މުދައްރިސުންގެ ތެރެއިން ކިޔަވައިދިނުމަށް ބޭނުންކުރާ ފޮތްތައް ލިޔަން ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީއު އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ކެމްބްރިޖު އިމްތިހާނުގެ މުޤައްރަރުތަކަށް ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ޤާބިލުކަން ދިވެހިރާއްޖޭގެ މުދައްރިސުންގެ ކިބައިގައި ހުރިކަމަށް އެމަނިކުފާނު ޤަބޫލުކުރައްވައެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް ގިނަ އިސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަނީ ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށް ދޭ ނޯޓުތަކަށެވެ. އަދި ބޭރުން ގަނެގެން މިހާރު ދެވޭ މަސައްކަތު ފޮތްތަކަށްވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައްވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މި ފުރުސަތު ހުޅުވާލުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ފޮތް ގަތުމަށް ބޭރަށް ކުރާ ހޭދަ ޤައުމުގެ ތެރޭގައި ހިފެހެއްޓުމާއި، ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުމާއި، އިސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަކުރެވުމާއި، އަދި ތިމާވެއްޓާ ރައްޓެހި އާދަކާދަތައް އަށަގެންނެވުން ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝަފީއު ވިދާޅުވި ގޮތުގައި، އަންނަ ހަފުތާގައި ފޮތްތައް ލިޔަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެއެވެ. ފަރުދުންނަށާއި ޓީމުތަކަށްވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގައި ތަޖުރިބާހުރި މުދައްރިސުން އިސްނެންގެވުމަށް އެދިވަޑައިގަތެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ މާޒީއަށް ބަލާލާއިރު، ރާއްޖޭން ބޭރުގެ މުޤައްރަރުތަކަށް ކިޔަވައިދީގެން ސާނަވީ އިމްތިހާނުތަކުގެ ފެށުން ގޮސް ހުއްޓެނީ 57 އަހަރު ކުރިއަށެވެ.
ޔުނިވަރސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫ.އެލް.އީ.އޭ.ސީ) ގެ އިމްތިހާނު ރާއްޖޭގައި ދޭން ފެށުނީ 1968ގައެވެ. ފަހުން މި އިމްތިހާނު އެޑްއެކްސެލް އަށް ރީބްރޭންޑުކުރެވި 2001ވަނަ އަހަރާއި ހަމައަށް ކުރިއަށް ގެންދެވުނެވެ. އިސްކޫލުތަކުގެ ސާނަވީ އިމްތިހާނު ކެމްބްރިޖު އިންޓަނޭޝަނަލް (ސީ.އައި.އޭ) އެގްޒަމިނޭޝަނަށް 2002ގައި ބަދަލުކުރެވި ރާއްޖޭގެ އިސްކޫލްތަކުގައި މި އިމްތިހާނު ހަދާތާވެސް 23 އަހަރުވީއެވެ. މިހާ ދިގު މުއްދަތެއް ފާއިތުވިއިރުވެސް މި އިމްތިހާނު ހަދާ މާއްދާތަކުގެ ފޮތްތައް ގެންނަމުން މިދަނީ ރާއްޖެއިން ބޭރުންނެވެ.
މި އިސްނެގުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އައު ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. މިހާތަނަށް ބޭރުން ގަނެގެން ބޭނުންކުރަމުން އައި ފޮތްތަކުގެ ބަދަލުގައި، ދިވެހި މުދައްރިސުންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮތްތައް ދިވެހި ދަރިވަރުންނަށް އިތުރަށް ފައިދާކުރަނިވި އަދި އެކަށޭނަ ވަސީލަތްތަކަކަށް ވުމުގެ ފުރުސަތު ބޮޑެވެ.
މިނިސްޓަރ ޝަފީއު މި ފުރުސަތު ހުޅުވާލެއްވުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ، “އަޅުގަނޑު ޤަބޫލުކުރަނީ ފުރުސަތު ފަހިކޮށް އެކަށީގެންވާ އަގެއްގައި މިފަދަ ފުރުސަތެއް ދިވެހި މުދައްރިސުންނަށް ހުޅުވާލައިފިނަމަ އޭގެ މަންފާ ބޮޑުވާނެ”. މީގެ އިތުރުން، މި ފުރުސަތުގެ ސަބަބުން ދިވެހި މުދައްރިސުންގެ ފަންނީ ކުރިއެރުމަށާއި، ޤައުމުގެ އިޤްތިޞާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކުރުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށް އަދި ޓީމުތަކަށް ވެސް ލިބިގެންދާނެއެވެ.
މިކަމުގައި ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގައި އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. މި އިސްނެންގެވުމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް ގެނެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މީގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިވަރުންނަށް އިތުރަށް ފައިދާކުރަނިވި، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ތަޢުލީމީ ވަސީލަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

