މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލައް މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީ ފުނާޑު، ފިނިފެންމާގޭ އަޙްމަދު ޝައުބާން ލަތީފް (26އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މާލެއާއި ހުޅުމާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތިީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ޑްރަގް އެންޕޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އިން ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާއާ ގުޅުންހުރި ކަމަށް ބެެލެވޭ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.31 ގްރާމެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޝަޢުބާން ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

