މި އެއްބަސްވުމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފެވެ. އަދި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.
“އެމްޕަވަރމަންޓް ހަބް” ގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ 18-40 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މި ހަބްގެ އަމާޒަކީ ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުންކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައެއްގައި ތަރައްޤީކުރެވޭ މި ހަބްގައި ހިމެނޭނެ ވަސީލަތްތަކުގެ ތެރޭގައި އިންކްލޫސިވް ކެފޭއަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި ވިއްކުމަށް ހުޅުވާލެވިފައިވާ ފިހާރައެއް، 3 ވޯރކްޝޮޕް ޖާގަ، ކޮމްޕިއުޓަރ އަދި އައިޓީ ތަމްރީނު ދޭ ތަނެއް، އެކްޓިވިޓީ ރޫމް އަދި މަލްޓިމީޑިއާ ރޫމެއް ހިމެނެއެވެ.
މި ހަބް މިއަހަރު ތެރޭގައި ހުޅުވުމަށް ވަނީ ރޭވިފައެވެ. އަދި ހަބްގެ ކާމިޔާބީ ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތްދޭ ތަންތަނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށްކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

