ނިމިދިޔަ 2024 ގައި 5613 ބިދޭސީން ޑީޕޯޓު ކުރެވުނު ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އާންމުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ އެކި ތަންތަނުގައި ރެއިޑް އޮޕަރޭޝަންތައް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށް ޑީޕޯޓު ކޮށްލާފައެވެ.
ޝަމްޢާން ވިދާޅުވި ގޮތުގައި ނިމިދިޔަ އަހަރަކީ، ރާއްޖޭގައި ބޮޑުވެފައިވާ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ވަރަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެކެވެ.
"އެގޮތުން އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން އިމިގްރޭޝަން އަދި ފުލުހުންނާ ގުޅިގެން ހިންގުނު މަސައްކަތްތަކަށް ފޯކަސްކުރިއިރު ރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްވެސް ބިރެއް އަދި ޖެހިލުމެއް ނެތި ޚައްސަކޮށް މާލެ އޭރިއާގަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގަ ޝާމިލްވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އަދި ހަށި ވިއްކުމާ، ޖިނާޢީ ބޮޑެތި ކުށްތަކުގަ ވަރަށް ބައިވަރު ބިދޭސީން ޝާމިލްވެގެންދާ ކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވުނު. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބެލީ މިކަންކަން މާލެ އޭރިއާގަ އޮތް މިންވަރާއި އަދި ހާލަތު. ބެލި އިރު ހާލަތަކީ ވަރަށް ގޯސް ހާލަތެއް އިނގޭތޯ." އަސްލު ޓީވީގެ "ބާބު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވިއެވެ.
ޝަމްޢާން ވަނީ މި ސަރުކާރު އުފެދިގެން އައިއިރާ މިހާރުގެ ހާލަތާ އަޅާކިޔާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އުޅެން މިއަދު ބިދޭސީން ނުވަތަ އެ މީހުންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ޖެހިލުންވާ ކަމަށާއި ސަރުކާރަށް ނުލިބިފައިވާ ބިދޭސީންނާއި ގުޅުން ހުރި ފީތައްވެސް މިހާރު ލިބެމުންދާ ކަމަށްވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު 5613 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.
ބިދޭސީންގެ މައްސަލައަކީ ޒަމާނުއްސުރެ ރާއްޖެއަށް ކުރިމަތިވަމުން އަންނަ ހައްލުނުކުރެވިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، މި މައްސަލައާ މެދު ހަރުކަށި ފިޔަވަޅުތައް މިހާރު އަޅައެވެ.

