ކެލިފޯނިއާގެ ލޮސް އެންޖެލެސް ކައުންޓީގައި ހިނގަމުންދާ އަލިފާނުގެ ހާދިސާ އިތުރަށް ގޯސްވެ ވައިގެ ބާރުމިން 70 މޭލަށް ގަދަވެ އަލިފާންގަނޑު އިތުރަށް ފެތުރެން ފަށައިފިއެވެ.
އަދި މިހާރުވެސް އެތައް ސަތޭކައަށްވުރެ ގިނަ ގެދޮރު އަނދާފައިވާ ކަމަށް ރިޕޯޓުތައް ދައްކައެވެ. އެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ މިހާރު އެމެރިކާގެ ތާރީހުގައި ވެސް ހިނގި އެންމެ އަގުބޮޑު އަލިފާނުގެ ހާދިސާއެވެ.
އަމިއްލަ މީޓިއޮރޮލޮޖިކަލް ފާމެއް ކަމަށްވާ އެކްކިއުވެދާ އިން ލަފާކުރާ ގޮތުގައި މި ހާދިސާގައި 250 ބިލިއަން ޑޮލަރާއި 275 ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް އެމެރިކާގެ ކެލިފޯނިއާއަށް ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ ތޫފާން ހެލީން އަށް ފަހު ލިބުނު އިގްތިސާދީ ގެއްލުންތައް 225-250 ބިލިއަން ޑޮލަރަށް އެރި ކަމަށް އަންދާޒާކޮށްފައިވާއިރު މިއީ އަލިފާނުގައި ލިބުނު ގެއްލުމަށް ވުރެ ކުޑަ އަދަދެކެވެ.
ޖޭޕީ މޯގަންގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި އިންޝުއަރެންސްގެ ގޮތުގައި 20 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ އެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އަލިފާނުގެ ހާދިސާގެ އިންޝުއަރެންސް ގެއްލުން ވެގެންދާނީ ކެލިފޯނިއާގެ އަހަރީ ޖީޑީޕީގެ ގާތްގަނޑަކަށް ހަތަރު އިންސައްތައާ އެއްވަރު އަދަދަކަށެވެ.
މުއްސަނދި އަވަށްތަކުގެ ގެތައް ހަލާކުވެ، ދުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ވިހަ ދުމުގެ ސަބަބުން ދިގު މުއްދަތަކަށް ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އަންދާޒާ ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި ލޮސް އެންޖަލްސްގެ ގިނަ މުއްސަދި އާއިލާތަކެއް ވެސް ވަނީ ބަނގުރޫޓުވެފައެވެ.
ހާދިސާ ފެށުނީ 2 ޖެނުއަރީ 2025 ގައި ލޮސް އެންޖެލެސް ކައުންޓީގެ ޓޮޕަންގާ ސަރަޙައްދުގައެވެ. މިހާތަނަށް 200 އަކަ މޭލުގެ ސަރަޙައްދެއް އަނދައިފައިވާއިރު، 3,000 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް، އެހެން ތަންތަނަށް ބަދަލުކޮށްފައިވެއެވެ. އަދި ވައި ގަދަވުމުގެ ސަބަބުން އަލިފާން ހަލުވިކަމާއެކު ފެތުރި 1,000 އަށްވުރެ ގިނަ ފަޔަރ ފައިޓަރުން ދަނީ އަލިފާން ނިއްވުުމުގެ މަސައްކަތް ކުރަމުންނެވެ.
ކެލިފޯނިއާގެ ގަވަރުނަރ ގެވިން ނިއުސަމް މި ސަރަޙައްދަށް ކުއްލި ހާލަތު އިޢުލާންކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފެޑެރަލް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

