ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ، ސްޓެލްކޯގެ މުވައްޒަފަކު ޒަހަމްކޮށްލައިފިއެވެ.
ފެނަކަ އެމްޑީ ހުސައިން ފަހްމީ "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފުން ވަނީ އަތުލައިގަނެފައިކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ޓްރާންސްފޯމަރަށް ގެއްލުންދިން މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައިކަމަށެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.
ފަހުމީ ވިދާޅުވީ ވީ އެންމެ އަވަހަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. އަދި ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަން ވެސް ފަހުމީ ހާމަކޮށްފައިވެއެވެ.
މިމަހު ކުރީކޮޅުގައި ވެސް ހުޅުމާލެ ފޭސް 2 ގެ ޓްރާންސްފޯމަރަކަށް ގެއްލުން ދިން މައްސަލައެއް ފެންމަތިވެފައިވެއެވެ.

