ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވުނީ އެސްޓޯނިއާއިން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު އެކިއެކި މަޢުލޫމާތާއި ޢިލްމު ހިއްސާކުރެއްވުމަށެވެ. އެ ގޮތުން އެސްޓޯނިއާގެ ހެލްތު މިނިސްޓަރ ވަނީ އެ ބަދަލުގެ ތެރެއިން އެ ޤައުމުގެ ރައްޔިތުންނަށް ލިބެމުންދާ މުހިންމު ފައިދާތަކުގެ ތެރޭގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާއިރު، އެކަމުގެ ސަބަބުން ޞިއްޙީ ދާއިރާގެ އެކިއެކި ގޮންޖެހުންތަކާއި އެކަންކަމަށް ހޯދެމުންދާ ހައްލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ ވާހަކަފުޅުގައި، ވަކިވަކިން ދުރުގައި ހުންނަ ރަށްތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި، އެއް ހަމައެއްގައި މަތީ ފެންވަރުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ހުރި ފަރަގުތައް ޑިޖިޓަލައިޒޭޝަންގެ ތެރެއިން ނައްތާލެވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ އެސްޓޯނިއާއާއި ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ އުންމީދު އާކުރައްވަމުންނެވެ.