ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ޅެންވެރީންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1989 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރަން ނިންމީ ދިވެހި ޅެންވެރިކަމުގެ ޘާޤިބު އަލްއުސްތާޛް އިބްރާހިމް ޝިހާބު އަވަހާރަވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ. މި ދުވަހުގެ މަޤްޞަދަކީ ދިވެހި ޝާޢިރިއްޔާތުގެ ދުނިޔެއަށް ޚިދުމަތް ކުރައްވާ ޅެންވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމެވެ.
ދިވެހި އަދަބިއްޔާތުގެ އެންމެ މުހިންމު ބައެއްގެ ގޮތުގައި ޅެންވެރިކަން ފާހަގަކުރެވެއެވެ. ދިވެހި ޅެންތަކަކީ ފުން އަސަރާއި ފަށުވިކަން އެކުލެވޭ އުފެއްދުންތަކެކެވެ. މި ޅެންތަކުން ދިވެހި އަދީބުންގެ އުފެއްދުންތެރިކަމާއި މުއްސަނދި ޚިޔާލުތައް ފެންނަން ހުރެއެވެ.
މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްސީސްކުރައްވާފައިވަނީ ދިވެހިބަހުގެ އުސްތާޛު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު، އެންމެން ލޯބިވާ ސޯދުބެއަށެވެ. ސޯދުބެއަކީ ތަފާތު ވަޒަންތަކަށް، އެކި މަޢުޟޫތަކަށް މޮޅެތި ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ޅެންބަހުރުވައިގައި ވައިގައި ހިފާފައިވާ ރީތިކަމާއި ފަށުވިކަން ފެންނަން އެބަހުއްޓެވެ.
ސޯދުބެއަކީ ޅެންވެރިޔާ ޢަލީ މުސްޠަފާގެ އަރިހުން ދަރިވަރުވެވަޑައިގެން، މަދަރުސީ ހަޔާތުގައި ފުރަތަމަ ޅެން ހެއްދެވި ބޭފުޅެކެވެ. އެމަނިކުފާނަކީ މިޒަމާނުގެ އެންމެ އުފެއްދުންތެރި އަދީބުންގެ ތެރެއިން ބޭފުޅެކެވެ. ސޯދުބެއަކީ ހަމައެކަނި ކުޅަދާނަ ޅެންވެރިއެއް ނޫނެވެ. ދިވެހިބަސް އުނގަންނައިދެއްވުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ދިވެހިންގެ މުދައްރިސެކެވެ.
ސޯދުބޭގެ އަގުހުރި ޚިދުމަތްތަކަށް ދިވެހި ދައުލަތުން ވަނީ އެކި ޝަރަފުތައް އަރުވާފައެވެ. މީގެ ތެރޭގައި 1992 ވަނަ އަހަރު ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، 2019 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު ހިމެނެއެވެ.
މި ޅެންވެރިންގެ ދުވަހުގައި ހުރިހާ ޅެންވެރިންވެސް ހަނދާންކުރަންވީ ދެ ކަމެއް ވެއެވެ. އެއީ ދިވެހިބަސް އުވިގެން ނުދާނެކަމަށް ސޯދުބެ ދެއްވި ޔަޤީންކަމުން ހިތްވަރު ލިބިގަތުމާއި، ކުރީގެ ޅެންތަކުގެ ފަށުވިކަން ދަމަހައްޓަން މަސައްކަތްކުރުމެވެ. މިއީ ސޯދުބޭގެވެސް އިލްތިމާސެކެވެ.
ދިވެހި ޅެންވެރިކަމަކީ އަޅުގަނޑުމެންގެ ޘަޤާފަތާއި އަދަބިއްޔާތުގެ މުހިންމު ބައެކެވެ. ޅެންވެރިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ތާރީޚާއި، ސަގާފަތާއި، އާދަކާދަތައް ދިރުވައި އާލާކުރެވެއެވެ. އަދި ޅެންވެރިކަމަކީ ދިވެހިބަހުގެ ޖަމާލުކަމާއި މުއްސަނދިކަން ދައްކުވައިދޭ ވަސީލަތެކެވެ. އެހެންކަމުން، ސޯދުބެ ފަދަ އުސްތާޛުން ދެއްވާ ނަސޭހަތްތަކަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދިވެހިބަސް އުވިގެން ނުދާނެކަމުގެ ޔަޤީންކަން ސޯދުބެ ދެއްވާފައިވާއިރު، އެކަމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ. ދިވެހިބަސް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިވެހި ބަހުން ލިޔެ ކިޔުމަށް އިސްކަންދިނުމަކީ މިކަމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެވެ.
ހަމައެހެންމެ، ކުރީގެ ޅެންތަކުގެ ފަށުވިކަން ދަމަހައްޓަން މަސައްކަތްކުރުމަކީވެސް މުހިންމު ކަމެކެވެ. މިކަމަށްޓަކައި ކުރީގެ މަޝްހޫރު ޅެންވެރިންގެ ޅެންތައް ދިރާސާކުރުމާއި، އެ ޅެންތަކުގެ ފަންނުވެރިކަމާއި ބަހުރުވައިގެ ރީތިކަން ދަސްކުރުމަކީ މުހިންމު ކަމެކެވެ. އަދި އަމިއްލަ ޅެންތައް ހެދުމުގައި މި ސިފަތައް ހިމެނުމަށް މަސައްކަތްކުރަންވާނެއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ސޯދުބެއަށް ޚާއްޞަކުރެވިފައިވާއިރު، އެމަނިކުފާނުގެ ޚިދުމަތްތަކާއި ނަމޫނާއިން ފިލާވަޅު ލިބިގަތުމަކީ މުހިންމު ކަމެކެވެ. ސޯދުބެ ފަދައިން ދިވެހިބަހަށް ލޯބިކުރުމާއި، އަދަބިއްޔާތަށް ޚިދުމަތްކުރުމާއި، އާ ޖީލުތަކަށް މި ތަރށް މި ތަރިކަ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ހުވަދޫ މީޑިއާ އިން ދުވަހުގެ މުނާސަޞާގައިޗސޯދުބެއަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އަދި ސޯދުބެގެ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދެންނެވުމާއެކު، ދިވެހި ޅެންވެރިކަމާއި ދިވެހިބަސް ދިރުވައި އާލާކުރުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ދިވެހިބަހާއި ދިވެހި އަދަބިއްޔާތު ފޮނިމީރުކަމާއެކު ދެމިއޮންނާނެ ކަމުގެ އުއްމީދުގައި، އަދި ސޯދުބެ ދެއްވި ޔަގީންކަމުން ހިތްވަރު ލިބިގަނެގެން ބަސް ކުރިއަރުވައި މުއްސަނދިކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެވެސް ފަރުދީޒިންމާއެއްކަން ގައިމެވެ.
(މައުލޫމާތު ނަގާފައިވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިންނެވެ.)

