ހުޅުމާލެ ފޭސް 2 ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން މަސައްކަތްކޮށް، އެކަން ހުއްޓުވަން އުޅުނު މުވައްޒަފަކަށް ހަމަލާދިން މީހާގެ މަޢުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ބިލައްފަހި، ޗަނބޭލީގޭ އިބްރާހީމް ޛާލީފް (37 އަހަރު) އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަންގާރަ ދުވަހުގެ ރޭ 21:43 ގައެވެ.
މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 2 ރީތިގަސްމަގުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގައެވެ. ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ޒަލީފް ވަނީ ހަމަލާދީ މާރާމާރީ ހިންގާފައެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި މުވައްޒަފަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ލިބުނު ކުދި އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެއެވެ.
މި ހާދިސާގައި ޓްރާންސްފޯމަރަށް ލިބުނު ގެއްލުމުގެ ސަބަބުން އެމްޕީއެލް ޓަވަރުތަކުން ކަރަންޓު ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އަދި އެކަން ހައްލުކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަނީ މަސައްކަތް ކޮށްފައެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ނުރައްކާތެރި ހަމަލާއެއް ކަމަށާއި، މިފަދަ ޢަމަލަކުން މުވައްޒަފަކަށް ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ.
ފަހުމީ އިތުރަށް ބުނި ގޮތުގައި މުވައްޒަފު ދެއްކި ހިތްވަރުގެ އަގު ވަޒަންކުރާ ކަމަށާއި، މިފަދަ ނުރައްކާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހައްލުކުރުމަށް މަސައްކަތް ކުރާނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދެއެވެ.
މީގެ ކުރިންވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަށް ގެއްލުން ދީފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ ހޮނިހިރު ދުވަހު ޓްރާންސްފޯމަރެއްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާގެ ފައިބަރ އޮޕްޓިކް ކޭބަލް ކަނޑާލަން މަސައްކަތްކޮށްފައިވާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

