ގދ. ފަރެސްމާތޮޑާ ކައުންސިލާއި ސްރީލަންކާގެ މޯލްޑިވްސް ބިޒްނަސް ކައުންސިލް ގުޅިގެން އެރަށުގައި ލޯ ޓެސްޓު ކުރުމާއި އައިނުގެ ނަންބަރުނެގުންފަދަ ޚިދުމަތްތައް ހިލޭ ލިބޭ އައި ކޭމްޕެއް ފަށައިފިއެވެ. މި ކޭމްޕް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ރޭގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަލްފާޟިލް އަޝްރަފް ރަޝީދެވެ. އަދި ޚާއްސަ މެހްމާނެއްގެ ގޮތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޙަސަން ފައިޙަތު ޤުދުރަތުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. ފަރެސްމާތޮޑާގެ ސިއްޙީ މަރުކަޒުގައި ކުރިއަށްދާ މި ކޭމްޕުގައި ލޯ ޓެސްޓް ކުރުމާއި، ނަންބަރު ނެގުމުގެ އިތުރުން އެއްވެސް އަގަކާ ނުލައި ނަންބަރު އައިނު ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ. މީގެ އިތުރުން ކަންފަތް ސްކްރީން ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ.

އައިކޭމްޕުގެ ތެރެއިން / ފޮޓޯ:ގދ އަތޮޅުކައުންސިލް
ލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވި ގޮތުގައި މި ކޭމްޕުގެ ދަށުން ގާތްގަނޑަކަށް 400 އައިނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަންފަތުގެ އަޑުއިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އަޑުއިވުމުގެ ވަސީލަތްތައްވެސް ފޯރުކޮށްދޭނެއެވެ. ލަންކާގެ ލޮލުގެ ޚާއްސަ 4 ޑޮކްޓަރަކާއި 2 ޓެކްނީޝަނުން ބައިވެރިވެވަޑައިގަންނަވާ މިކޭމްޕުގައި ލަންކާގެ ބިޒްނަސް ކައުންސިލްގެ ފަރާތުން ވަޑައިގެންނެވި ޑޮކްޓަރ ވިކްރަމަޝީ ވިދާޅުވި ގޮތުގައި މި ކޭމްޕުގައި އެރަށުގެ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ލޯ ސްކްރީން ކުރާނެގޮތް ދަސްކޮށްދެއެވެ.
މި ކޭމްޕްގެ ސަބަބުން ލޮލުގެ ފަރުވާ ހޯދަން ބޭނުންވެފައިތިބި ފަރެސްމާތޮޑާގެ ވީހާވެސް ގިނަ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ. މި ކޭމްޕަކީ ދެ ދުވަހުގެ މުއްދަތަށް، މިއަދާއި މާދަމާ ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އައިކޭމްޕުގެ ތެރެއިން / ފޮޓޯ:ގދ އަތޮޅުކައުންސިލް
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ކޭމްޕަކީ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ޕްރޮގްރާމެކެވެ.
މިފަދަ ޚިދުމަތްތަކަށް ރަށުން ބޭރަށް ދަތުރުކުރަން ޖެހުމަކީ ގިނަ ފަރާތްތަކަށް ދަތި ކަމަކަށްވާތީ، މި ފުރުސަތު ރަށުގައި ލިބުމަކީ ރައްޔިިތުންނަށް ލިބިގެންދާ ނުހަނު ބޮޑު އުފަލަކަށް ވެގެންދާނެކަން ޔަގީނެވެ.
ކޭމްޕުގައި ރަށުގެ އާބާދީގެ ބޮޑު ބައެއް މި ޚިދުމަތް ހޯދާނެކަމަށް ލަފާކުރެވެއެވެ.

ރޭގައި އައިކޭމްޕް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ:ގދ އަތޮޅުކައުންސިލް
ރަށުގެ އުމުރުން ދުވަސްވީ މީހުންނާއި މިހިދުމަތް ހޯދުމަށް މާލެދިއުމަށް ދަތިވެފައިތިބި އެތައް ބަޔަކަށް ޔަގީނުންވެސް މިއީ ވަރަށްވެސް ބޮޑު އުފަލަކަށް ވެގެންދާނެ ފުރުސަތެކެވެ.
މި ކޭމްޕަކީ ފަރެސްމާތޮޑާ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ. ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ރޭވިފައިވާ ކަމަށްވެސް ކައުންސިލުން ވަނީ ކުރިން ދައުލަތުގެ މީޑިއާއަށް ދިން މައުލޫމާތެއްގައި ހާމަކޮށްފައެވެ.

ރޭގައި ރަސްމިއްޔާތު ފެށުން / ފޮޓޯ:ގދ އަތޮޅުކައުންސިލް

ރޭގައި ރަސްމިއްޔާތުގެ ކައުންސިލުގެ އިސްވެރިންނާއި ގދ އަތޮޅުރައީސާއ ފަރެސްމާތޮޑާދާއިރާގެ މެންބަރު: ގދ އަތޮޅުކައުންސިލު
މި ކޭމްޕުގެ ސަބަބުން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ލިބޭ ފައިދާގެ އިތުރުން، ރަށުގެ ސިއްޙީ ދާއިރާގެ މުވައްޒަފުންނަށްވެސް އިތުރު ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ދުރު މުސްތަޤުބަލުގައި ރަށުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

އައިކޭމްޕް ހިންގާ ޓީމު ވަޑައިގެންނެވުން / ފޮޓޯ: ފަރެސްމާތޮޑާ ކައުންސިލް
މިއީ މިދިޔަ އަހަރު ފަރެސްމާތޮޑާ ކައުންސިލުން ލަންކާއަށް ކުރި ރަސްމީ ދަތުރުފުޅެއްގައި އެބޭފުޅުންނާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ބޭއްވުމަށް ހުށަހެޅުނު، ސްރީލަންކާގެ ވިކްމަރާޗީ އޮޕްޓިކަލްސްގެ ފަރާތުން އެތަނުގެ ސީއެސްއާރުގެ ދަށުން ހިންގާ އައި ކޭމްޕެކެވެ.

