އެސްޓޯނިއާގެ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި، ދެޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ސެވިއޮވް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވަޒީރުގެ ބަދަލުގައެވެ.
ރާއްޖޭގެ ތަރައްޤީއަށް ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓުން ގެންގުޅުއްވާ ތަޞައްވުރާއި ޚާއްޞަކޮށް، އާންމު ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ބައިނަލްއަޤްވާމީ ސަލާމަތީ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، ދޭދޭ ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުންދިނުމުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވްގެ ވާހަކަފުޅުގައި ރައީސް މޫސުމީ މައްސަލަތަކުގައި ނިންމަވާފައިވާ ނިންމެވުންތަކަށް ތަޢުރީފްކުރެއްވިއެވެ. އަދި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބިގެންދާނޭކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. ސެވިއޮވްވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެސްޓޯނިއާއިން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން، ދިވެހި މަސްވެރި އުފެއްދުންތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދޭ ތަކެތި ކަމަށްވީނަމަވެސް، އީޔޫ ބާޒާރަށް ދިވެހި މަސްވެރި އުފެއްދުންތައް ނެރުމުގައި ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ސެކެޓްރީ ޖެނެރަލް ވަނީ އެ މައްސަލަ ޙައްލުކުރުމުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަމުގައި ވިދާޅުވެފައެވެ.
މިބައްދަލުވުމަށްފަހު، ދެޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ޚާރިޖީ ވަޒީރުގެ ބަދަލުގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ، އެސްޓޯނިއާގެ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ޖެނެރަލް، ޖޮނަތަން ސެވިއޮވްއެވެ.
މިފަހުމުނާމާއަކީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތައް ފުޅާކުރުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެކެވެ.

