އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ބޭސްފަރުވާ ކުރަން ދިއުމަށް މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
އާސަންދައިން ބުނެފައިވާ ގޮތުގައި މި ދެ ޤައުމުގައި އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިހާރު އާސަންދަ ސްކީމްގެ ޚިދުމަތް ލިބެން ފަށާފައިވެއެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.
އާސަންދައިން އިތުރަށް ހާމަކޮށްފައިވަނީ މި ޚިދުމަތް ފުޅާކުރުމާއެކު، ފުރަތަމަ އިސްކަން ދޭނީ ދެ ބަޔަކަށް ކަމަށެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން “ފަސްޓް ޑިގްރީ ޑޯނަރ”އެއް ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި ތިބި ފަރާތްތަކާއި، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެ.
އާސަންދައިން އިތުރަށް ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށްވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށް އެދޭ ގޮތަށް ކަމަށް އާސަންދައިން ބުނެފައިވެއެވެ.
އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މީގެ އިތުރުން ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އާސަންދައިން މަޢުލޫމާތު ދީފައިވެއެވެ.

