ހުޅުމާލޭގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވުމަށް ހިތްވަރާއެކު މަސައްކަތް ކުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފަކަށް އެ ކުންފުނީގެ "މެޑަލް އޮފް ބްރޭވަރީ" އެވޯޑު އަރުވައިފިއެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ، އޭގެން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. މި ހާދިސާގައި އެ މުވައްޒަފުގެ މޫނަށް އަނިޔާތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، މި ހާދިސާގައި ވައްކަން ހުއްޓުވަން މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެއް މުވައްޒަފަކަށް "މެޑަލް އޮފް ބްރޭވަރީ" އަރުވާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ހަރަކާތްތެރިވި އަނެއް މުވައްޒަފަށް ހަނދާނީ ލިޔުމެއް އަރުވާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރި މީހާ ހުއްޓުވި ސްޓެލްކޯގެ މުވައްޒަފަށް އެވޯޑާއި ހަނދާނީލިޔުން ދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ސްޓެލްކޯ
"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،" ސްޓެލްކޯއިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވާފައިވެއެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރި މީހާ ހުއްޓުވުމުގައި ހަރަކާތްތެރިވި އަނެއްމުވައްޒަފަށް ސްޓެލްކޯގެ ހަނދާނީލިޔުން އެރުވުން: ފޮޓޯ: ސްޓެލްކޯ
ފާހަގަކޮށްލެވޭ ކަމަކީ، މީގެ ކުރިންވެސް ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަތައް ފެންމަތިވެފައިވާކަމެވެ. މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ނިޔާވެފައިވާކަންވެސް ފާހަގަކުރެވެއެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރި މީހާ ހުއްޓުވި ސްޓެލްކޯގެ "މެޑަލް އޮފް ބްރޭވަރީ"އެވޯޑަށްފަހު ހަނދާނީލިޔުން އެރުވުން: ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯއިން ކުރިން ވަނީ ޓްރާންސްފޯމަރުތައް ވައްކަންކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށާއި، ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. ކަރަންޓު ކޭބަލްތައް ބުރިކޮށް ވިއްކާ މައްސަލައަކީ ކުރިންވެސް ބޮޑުވެފައި އޮތް މައްސަލައެކެވެ.

