އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. .
އެނގިފައިވާ ގޮތުގައި ސްޓެލްކޯއަށް 7 މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެއްބަސްވުމެއްގައި ޝަރީފް ސޮއިކުރި ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.
2023 ވަނަ އަހަރު ސްޓެލްކޯގެ ކުރީގެ މެނޭޖްމަންޓުން ވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު (120 މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް ވަނީ ގެނެވިފައެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ޚިލާފަށް އަދި ސްޓެލްކޯއަށް ގެއްލުންވާ ގޮތަށް ޝަރީފް މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވުމާއި އަދި މިކަން ކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ބެލެވޭތީ، މި މައްސަލަ ތަޙުޤީޤު ކޮށްދިނުމަށް ސްޓެލްކޯއިން އޭސީސީގައި އެދިފައިވާ ކަމަށާއި ހަމައެހެންމެ ޝަރީފް މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކޮވިޑް-19 ގެ ދުވަސްވަރުގެ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި ބަޔާންކޮށްގެން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

