ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅެއް މިއަދު ވަނީ ފުއްދަވާލައްވާފައެވެ. އެއީ ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް ރަސްމީކޮށް އާސަންދަ މެދުވެރިކޮށް ފެށުމެވެ. މިއީ ޚާއްޞަކޮށް ކިޑްނީ ބައްޔާއި އެހެނިހެން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އެތައް ދިވެހިންނަކަށް އުފާވެރިކަން ގެނެސްދިން ބަދަލެކެވެ.
މި އައު އިންތިޒާމުގެ ދަށުން، ޔޫއޭއީގެ ހޮސްޕިޓަލުތަކާއި ގުޅިގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރެވޭނެ މަގު ފަހިކޮށްދީފައިވާއިރު، ދިގު މުއްދަތަކަށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް، ފަރުވާގެ އިތުރު ފުރުސަތެއް ތައިލެންޑުން ވަނީ ހަމަޖައްސަވާދެއްވާފައެވެ. މިއީ ރާއްޖޭގައި ދާއިމީ ބޮޑެތި ބަލިތަކުގެ ވޭން ތަޙައްމަލުކުރަމުންދާ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.
ރާއްޖޭގައި ކިޑްނީގެ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކޮންމެ އަހަރަކު 3 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރަމުންދާއިރު މީގެތެރޭގައި ކިޑްނީގެ އެކި ބަލިތަކަށް ދާ މީހުންދަނީ އިތުރުވަމުންނެވެ. އެހެންކަމުން މި ނިންމެވުމަކީ އިޤްތިޞާދީ ގޮތުންވެސް ދުރު މުސްތަޤުބަލުގައި ފައިދާކުރާނެ ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކޮށްދެއްވުން
ޤައުމުގެ އިޤްތިޞާދީ ޙާލަތު ދަށްކޮށް އޮތްނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވީ ދިވެހީންގެ ތެރޭގައި ދާއިމީ ބޮޑު ބައްޔަކަށް ލުޔެއް ބޭނުންވެފައިވާ އެތައް ބަޔަކަށް އެކަން ފަހިކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ. މިކަމުގެ ސަބަބުން ކިޑްނީ ބަދަލު ކުރުމުގެ ފުރުސަތު ފަހިވެ، ކާމިޔާބު ދަތުރަކަށްފަހު ބަލިމީހުން ގިނަ ގިނައިން ފަރުވާއަށް ބޭރަށް ދާންޖެހުން މަދުވެ، އާސަންދައިގެ ޚަރަދު ދިގު މުއްދަތުގެ ތެރޭގައި ކުޑަކުރެވޭނެކަމަށް ބެލެވެއެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު މި ނިންމުމަށް ތާއީދުކޮށް، މިއީ ރަނގަޅު ނިންމުމެއްކަމާއި އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށް ވަނީ ބުނެފައެވެ.
"މިއީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް." މީހަކު ބުންޏެވެ. "އިޤްތިޞާދީގޮތުން ރަނގަޅު ނިންމުމެއްކަމަށް ޤަބޫލުކުރެވޭ." އެހެން މީހަކު ބުންޏެވެ.
ރައީސް ޑރ. މުޢިއްޒު މިކަން އިޢުލާނުކުރެއްވީ މިދިޔަ އަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ "ވަކި ދިމާލަކަށް، ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ، އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމުތަކަށް، ޔޫއޭއީއަށް ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން. އެތަންތަނަށް ދާއިރު އެކޮމޮޑޭޝަން އެކްސްޕެންސެސް ހިމެނޭގޮތަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން."

ރައީސުލްޖުމްހޫރިއްޔާ، ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކޮށްދެއްވުން
މި ނިންމެވުމަކީ އިޤްތިޞާދީ ނަޒަރިއްޔާއަކުން ބަލާއިރު މިވަގުތު ކުރަން ކިތަންމެ ދަތިކަމެއް ނަމަވެސް ހިކުމަތްތެރި ނިންމެވުމެކެވެ. ސަބަބަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެހީ ފޯރުކޮށްދޭ ހުރިހާ އިދާރާއެއްގެ ތަފާސްހިސާބުތަކުގައި ދެވަނައަށް އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ބޭރަށް ދިޔުމަށް ހޭދަކުރަނީ ކިޑްނީގެ ބަލިތަކަށެވެ. އެހެންކަމުން މިއީ މިވަގުތު ނިންމެވުމަށް އުނދަގޫ ނިންމެވުމެއްނަމަވެސް މިއީ ދުރު މުސްތަޤުބަލަށް ބަލާއިރު އެތައް ރައްޔިތެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނާނެ ބަދަލެކެވެ.
އާސަންދައިގެ ދަށުން ކިޑްނީ ޓްރާންސްޕްލާންޓްކުރެވޭނެ މަގު ފަހިވެގެންދިޔުމުގެ އިތުރުންވެސް ސިއްޙީ ދާއިރާއަށްދަނީ އެކި ބަދަލުތައް ގެންނަވަމުންނެވެ. މިގޮތުން އާސަންދައިގެ ދަށުން ކުރަމުންދިޔަ އިސްރާފުތައް ކުޑަކޮށް ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ރާއްޖެއަށް ކޮލިޓީ ބޭސް އެތެރެކުރުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ.
މީގެއިތުރުން ދާއިމީ ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރު ބައްޔާއި ތެލަސީމިއާއާއި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ. އަދި ދިވެހީންގެ ތެރޭގައި ހުރި ސިއްޙީ ކަންބޮޑުވުންތައްކަމުގައިވާ ދަރިމައިވުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް އައިވީއެފްގެ ތެރެއިން ޢާއިލާ ބިނާކުރުމުގެ މަގު އާސަންދައިގެ ތެރެއިން ސަރުކާރުންވަނީ ފަހިކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކޮށްދެއްވުން
ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ކިޑްނީ ބައްޔާއި އެހެނިހެން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ އެތައް ދިވެހިންނަކަށް އުއްމީދާއި އުފާވެރިކަން ގެނެސްދިން ބަދަލެކެވެ. ޔޫއޭއީއާއި ތައިލެންޑުން ބޭސްފަރުވާގެ ޚިދުމަތް އާސަންދައިގެ ދަށުން ލިބެން ފެށުމާއެކު، ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ޚާއްޞަ ފަރުވާތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށް، ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ ކަމެކެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރުވެސް، މި ނިންމެވުމަކީ ދުރު މުސްތަޤުބަލުގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ސަބަބަކީ ކާމިޔާބު ފަރުވާއެއް ލިބުމަށްފަހު، ބަލިމީހުން ތަކުރާރުކޮށް ބޭރަށް ދިއުން މަދުވެގެންދާނެތީއެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންނަމުންދާ އެހެނިހެން ބަދަލުތަކާއެކު، މި ނިންމެވުމަކީ ދިވެހި ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ޙަޤީޤަތުގައިވެސް އެމަނިކުފާނުގެ ވަޢުދުފުޅު ރަނުން ރަނަށް ފުއްދަވާލެއްވި ކަމެކެވެ. މިއީ ޞިއްޙީ ދާއިރާގައި ކުރިމަތިވެފައިވާ ގިނަގުނަ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި ނިންމެވުމުގެ ސަބަބުން އެތައް ދިވެހި ޢާއިލާއަކަށް ލިބިގެންދާނެ އުފަލާއި ހިތްހަމަޖެހުމަކީ އަގުނުކުރެވޭވަރުގެ ކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިންމު ބަދަލެއް ކަމުގައި ދެންނެވިދާނެއެވެ.

