ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޔުނިވަރސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިއީ އެމަނިކުފާނު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ޓާރްޓޫ ޔުނިވަރސިޓީއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އެ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރެވެ. ޒިޔާރަތުގެ ތެރޭގައި ޕްރޮފެސަރ އައްސެރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކެމްޕަހުގެ މުހިންމު ސަރަޙައްދުތައް ދައްކަވައި، ޔުނިވަރސިޓީގެ މެހެމާނުންގެ ފޮތުގައި ސޮއިކުރެއްވުމުގެ ފުރުޞަތު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓާރްޓޫ ޔުނިވަރސިޓީއާއެކު މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުޞަތުތައް ހޯދުމާއި، ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗޓްރަކްޗަރ ހަރުދަނާކުރުމަށް ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ހިމެނެއެވެ.
ޓާރްޓޫ ޔުނިވަރސިޓީއަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީއެވެ. މި ޔުނިވަރސިޓީގައި 14،300 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރެއިން 13 އިންސައްތައަކީ 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ ބޭރުގެ ދަރިވަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، ރާއްޖޭގެ ފަންނިއްޔާތުގެ ދާއިރާގެ މާހިރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

