ރާއްޖެއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އެގޮތުން މިރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްް އެ އޮފީހުން ބުނެފައިވެއެވެ.
2025 ޖަނަވަރީ 16 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމަޔަށް މެޓުން މޫސުން ލަފާކޮށްފައިވާއިރު އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ހާމަކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް ގަދަވެ، 4-7 ފޫޓާ ދެމެދު ރާޅުތައް އުސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

