ޣައްޒާގައި 15 މަސް ދުވަސް ވަންދެން ހިނގި ޖަރީމާތަކަށްފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަން އެނގުމުން ހިތްހަމަޖެހުން ލިބުނުކަމަށް ރައީސް ޑރ. މުޢިއްޒު ހާމަކޮށްފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަދި މި އެއްބަސްވުމަށް މަގުފަހިކޮށްދިން ޤައުމުތަކަށް ރާއްޖެއިން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމާއި، ގެދޮރު ގެއްލިފައިވާ މީހުން އެނބުރި ގައުމަށް ދިއުމުގެ ފުރުސަތު ދިނުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުރެވިފައިވާ ވިޔާނުދާ ކުށުގެ ބަދަލު ފަލަސްތީނަށް ދިނުމަށް އިޒްރޭލަށް ގޮވާލަކަމަށް ރައީސް އިތުރަށް ވިދާޅުވެފައިވެއެވެ. އަދި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނަށް ލިބުނު ގެއްލުންތަކަށްފަހު، ފަލަސްޠީނަށް އަލުން އާރާސްތުކުރުމަށް ބޭނުންވާ އެއްބާރުލުން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުތަކަށް ގޮވާލާކަން ވެސް ރައީސް ހާމަކުރައްވާފައިވެއެވެ.
އިސްރާއީލާއި ހަމާސްއާއި ދެމެދު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ނިންމާއި ހައްރަކޮށްފައިވާ އަސީރުން ދޫކޮށްލަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ފުރަތަމަ ހަ ހަފްތާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއެވެ، އެ މުއްދަތުގައި އިސްރާއީލުގެ ސިފައިން މަޑުމަޑުން ޣައްޒާއިން ފައިބަންޖެހެއެވެ. ބަދަލުގައި ހަމާސްއިން އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ބަންދު މީހުންގެ ބަދަލުގައި އިސްރާއީލާއި ބޭރުގެ ރައްޔިތުން ހިމެނޭ ގޮތަށް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލަންވެސް އެއްބަސްވެއެވެ.
އަދި ފަލަސްތީން އަލުން އާރާސްތުކުރުމަށް ފުރުސަތު ދޭން ވެސް އިސްރާއީލުން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

