ޑިސްޕްރެކްސިއާ އަކީ ކުޑަކުދިންގެ ކިބައިގައި އާންމުކޮށް ފެންނަ، ހަރަކާތްތަކާއި ވިލަރެސްކުރުމުގެ (ކަމެއް ނުވަތަ މަސައްކަތެއް ރާވައި، އިންތިޒާމުކޮށް، ވަކި ގޮތަކަށް ކުރިއަށް ގެންދިއުން) ޤާބިލުކަމަށް އަސަރުކުރާ ނުކުޅެދުންތެރި ކަމެކެވެ. މިއީ ތަރައްޤީއާ ގުޅުންހުރި ވިލަރެސްކުރުމުގެ ނުކުޅެދުންތެރިކަން (ޑިވެލޮޕްމެންޓަލް ކޯ-އޯޑިނޭޝަން ޑިސްއޯޑަރ) ގެ ނަމުންވެސް މި ހާލަތަށް ކިޔައެވެ.
މައިގަނޑު އަލާމާތްތައް
ޑިސްޕްރެކްސިއާގެ ސަބަބުން ކުއްޖާގެ ބުއްދީގެ ފެންވަރަށް އެއްވެސް އަސަރެއް ނުކުރިނަމަވެސް، އަންނަނިވި ކަންތައްތަކުގައި ދަތިތަކާ ކުރިމަތިވެއެވެ:
- ދުވުން، ފުންމުން އަދި ބޯޅަ ހިފުން ނުވަތަ ޖެހުން ފަދަ ކުޅިވަރުގެ ހަރަކާތްތައް
- ސިޑި މައްޗަށް އަރައި ފައިބައި އުޅުން
- ލިޔުމާއި، ކުރެހުމާއި، ކަނޑައި ކެހެރި ހެދުން ފަދަ ކަންކަން
- ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުން

ޑިސްޕްރެކްސިއާ: ހަރަކާތްތަކާއި ވިލަރެސްކުރުމުގެ ނުކުޅެދުންތެރިކަން/ ފޮޓޯ ؛ ހެލްތީކިޑްސް
ސަބަބުތައް
ޑިސްޕްރެކްސިއާ ޖެހޭ ސަބަބު މުޅިން ސާފެއް ނޫނެވެ. ނަމަވެސް މި ހާލަތަކީ ސިކުނޑީގެ ވަކި ސަރަހައްދުތަކުގެ މަސައްކަތްކުރާ ގޮތަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. މި ހާލަތް ވަރަށް ގިނަ ފަހަރު ވާރުތަވެގެން އަންނަ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.
ފަރުވާ
ޑިސްޕްރެކްސިއާއަށް ފަސޭހަވާނެ ވަކި ފަރުވާއެއް ނެތްނަމަވެސް، އެކި ބާވަތުގެ ތެރަޕީތަކުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެއެވެ. މީގެ ތެރޭގައި:
- އޮކިއުޕޭޝަނަލް ތެރަޕީ – ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަމުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން
- ފިޒިއޮތެރަޕީ – މަސްތަކުގެ ބާރާއި ވަރުގަދަކަން އިތުރުކުރުމަށް
- ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ – ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް

ޑިސްޕްރެކްސިއާ: ހަރަކާތްތަކާއި ވިލަރެސްކުރުމުގެ ނުކުޅެދުންތެރިކަން/ ފޮޓޯ ؛ ހެލްތީކިޑްސް
ޑިސްޕްރެކްސިއާ ހުންނަ ކުދިންނަށް އެހީތެރިވުމަށްޓަކައި، މައިންބަފައިންނާއި، ސްކޫލް ޓީޗަރުންނާއި، ތެރަޕިސްޓުން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކުއްޖާގެ އިތުބާރު ގެއްލޭފަދަ ކަންކަމުން ދުރުހެލިވެ، ހިތްވަރުދީ އެހީތެރިވެދިނުމަކީވެސް މުހިންމު ކަމެކެވެ.
ގޭގައި ދެވޭ އެހީތެރިކަން
ބެލެނިވެރިންނަށް ގޭގައި ތިބެގެން ވެސް މިފަދަ ކުދިންނަށް އެހީތެރިވެވިދާނެއެވެ. ގަވާއިދުން ކަސްރަތުކުރުވުމާއި، ތަފާތު ހަރަކާތްތައް ކުރުވުމާއި، އަދި ކުދިންނަށް ހިތްވަރުދީ އެހީތެރިވުމަކީ ވަރަށް މުހިންމު ކަންކަމެވެ. ކުދިންގެ ކުރިއެރުމަށް ހިތްވަރުދިނުމާއި، އެކުދިންގެ ޤާބިލުކަމަށް އިތުބާރުކުރުމަކީ ވެސް މުހިންމު ކަމެކެވެ.

