ޒުވާން އިމާނުންނާއި ހަތީބުންނާއި ހާފިޒުންނަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު ކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މި ވާހަކަ ވިދާޅުވެފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ފުރާވަރުގެ ދެ ކުދިންގެ ވަނަވަރު ހިމަނުއްވާފައިވެއެވެ. އަދި ކުޑަކުދިން ގިނަ އަދަދަކަށް ޤުރުއާން ހިތު ދަސްކުރަމުންދާތީ އުފާވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
“ޒުވާން ހަތީބުންނާއި ޒުވާން އިމާމުންނާއި ޒުވާން ހާފިޒުންނަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު،” މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުން ތަމްރީނު ކުރުމުގެ މަސައްކަތް ވަނީ ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މީގެ ކުރިން މިނިސްޓަރު ޑރ ޝަހީމް ވިދާޅުވެފައިވަނީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1000 ހަތީބުން ތަމްރީނުކޮށް ހުއްދަ ދިނުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.
މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިދިޔަ އަހަރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ. އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.

