ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތަކެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ފައިޞަލް ވިދާޅުވީ ރާއްޖެއަށް އަންނަ ކްރޫޒް ލައިނަރުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން، އައްޑޫ އަދި ލާމު އަތޮޅު ފަދަ ތިން ސަރަހައްދެއްގައި ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތައް ނުވަތަ ބަނދަރުތައް ހެދުމަށް ދިރާސާކުރަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
“އައްޑޫ ކަހަލަ ލާމު އަތޮޅު ކަހަލަ ތިން ސަރަހައްދެއްގައި، މިދަނީ ބަލާ ދިރާސާކުރަމުން، ކްރޫޒް ލައިނަރުތަކަށް ޚާއްޞަ ޖެޓީތައް ނުވަތަ ބަނދަރުތައް ހަދާ، ކްރޫޒް ލައިނަރުތައް އެ ހިސާބުތަކަށް ގެންދިޔުމަށް، ވަރަށް ބޮޑު ކުރިއެރުމަކަށް މިކަން ވާނެ،” ވަޒީރު ފައިޞަލް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ހަދާފައި އޮތް ގަވާއިދެއްގެ ދަށުން ކްރޫޒް ލައިނަރުތައް ރާއްޖެއަށް އައުމަށް ވަރަށް ބޮޑަށް ދަތިވެފައި އޮތް ކަމަށެވެ. ނަމަވެސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ) އިން މިކަމުގައި ޝަކުވާ ހުށަހެޅުމާ ގުޅިގެން، އެ ގަވާއިދު އިޞްލާޙުކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މި އިޞްލާޙުތަކާ ގުޅިގެން، މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 600 އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒް ލައިނަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާޔާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވަޒީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނަރެއް ރާއްޖެ އައުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

