ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި، ވަޒީރުންގެ މަޖިލީހަށް އަލަށް ޢައްޔަންކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. މިގޮތުން، ޑިސެމްބަރު 26 ވަނަ ދުވަހު ޢައްޔަންކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
- އަލަށް ޢައްޔަންކުރެވުނު ވަޒީރުންނަކީ:
1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ކަމަށް، ތ. ބުރުނި، ނިވައިދޮށުގެ މޫސާ ޒަމީރު
2. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ކަމަށް، މއ. ވެނީލާގެ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
3. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކަމަށް، މއ. މާރާދަގެ ޑޮކްޓަރ މަރްޔަމް މާރިޔާ
4. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް، ގދ. ފިޔޯރީ، ގުލްބަކާގެ، ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
މި ބަދަލާ ގުޅިގެން، އެ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބަދަލު ގެންނަވާފައެވެ. މިހާރު މި މައްސަލަ ވަނީ ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިފައެވެ.
ދައުރުން ބޭރުގައި ބޭއްވުނު މި ޖަލްސާގައި، މި ހަތަރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާ ގޮތެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

