ހޯމަ ދުވަހުން ފެށިގެން ރޯދަމަހަށް ކަދުރު ބަހަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ ވުޒާރާ އިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރޯދަމަހަށް ސަޢޫދީ ސަރުކާރުން ދީފައިވާ 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހު ހޯމަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެއެވެ. މި ކަދުރު ބަހާނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައިގަތުމަށް ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރުގެ މަގުންނެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ. ކަދުރު ބަހާނީ ގޭބިސީގެ ކަރަންޓް މީޓަރުގެ ނަންބަރަށް ބަލައި، އަދި ކަދުރު ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޗެކްކުރުމަށްފަހުގައެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.
މާލޭގައި ކަދުރު ބަހަން ފަށާނީ ޖަނަވަރީ 20 އިން ފެބްރުއަރީ 6 އަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ އިފްތާރު ޕްރޮގްރާމްތަކަށާއި ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސާ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކަދުރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

