ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާންކުރެއްވި ސިޔާސަތުގެ ދަށުން ފަޅުރަށް ހޯދުމަށް އެދި ހުށަހެޅި ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކުރަން ނިންމައިފިއއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި، ފަޅުރަށް ދިނުމަށް ނިންމާފައިވަނީ ރ.އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އާއި ފެންފުށި އަދި ލ.މާވަށް ކައުންސިލަށް ލ.ބޮޑުމާބުޅައެވެ. މި ފަޅުރަށްތައް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިއީ މިދިޔަ އަހަރުގެ މާރޗް މަހު ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ސިޔާސަތުގެ ދަށުން އަންނަ ތަރައްޤީއެކެވެ. “ކޮންމެ ރަށަކީ އަދި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ޢަމާޒު” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވިގޮތުގައި، މި ފަޅުރަށްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެ ވުޒާރާއާއި މާލީ ވުޒާރާއާ ގުޅިގެންނެވެ. އަދި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކައުންސިލްތަކަށް ފަޅުރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ސިޔާސަތުގެ ދަށުން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރެވެނީ އިޤްތިޞާދީ މަސައްކަތްތައް ކުރުމަށެވެ. އަދި އިޚްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށް ރައީސްޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

