އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ “ނޫރުލް އަޛާން 1446” ބަންގި މުބާރާތުގެ އޮޑިޝަން ރައުންޑް އަންނަ މަހުގެ 11 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.
15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް 40 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޮޑިޝަން ރައުންޑްގައި ވާދަކުރާނީ ޝަރުތު ހަމަވާ 30 ބައިވެރިންނެވެ. އޮޑިޝަން ބާއްވާނީ އަންގާރަ ދުވަހުގެ ހަވީރު 4 ން 6 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، މި ފަންނުގެ ރޫޙު އާލާކޮށް ދިރުވުން ހިމެނެއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، މުޅި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމަކީވެސް މި މުބާރާތުގެ މުހިންމު މަޤްޞަދުތަކެވެ.
މި މުބާރާތުގައި ވަނަތަކަށް އަންނަ ބައިވެރިންނަށް ފައިސާގެ އިނާމުގެ އިތުރުން، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ޚާއްޞަ ފުރުޞަތެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

