މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވަމުންދިޔަ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު ޖިސްމާނީ އަނިޔާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ތަޢުލީމާ ބެހޭ ވުޒާރާއިންނެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ އެ ވުޒާރާގެ ސަމާލުކަމަށް ގެނައީ ސްކޫލުގެ ފަރާތުންނެވެ. އަދި މި މައްސަލަ ސްކޫލުން އެ ވުޒާރާއަށް ހުށަހެޅުމާ ގުޅިގެން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މައްސަލަތައް އެ ވުޒާރާގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅުއްވަމުންގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވަނީ ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޓީޗަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރާމެދު އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ މިމައްސަލަ ބަލަމުންދާ ކަމަށެވެ.

