ދިވެހިރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކާލުމަށް "މޯލްޑިވްސް ކާނިވަލް 2025، ‘މޯލްޑިވްސް މަހައުތުސަވް'" ނަމުގައި ހާއްސަ ހަރަކާތެއް އިންޑިއާގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 11 އިން 12 އަށް އިންޑިއާގެ ގަރގައޮންގެ އެމްބިއަންސް މޯލްގައި ކުރިއަށް ގެންދިޔަ މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ޕިކްޔޯޓްރޭލްއިންނެވެ. މި ހަރަކާތަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން އެންޑޯޒްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އައިޝަތު އަޒީމާ މި ހަރަކާތް އިފްތިތާޙުކޮށްދެއްވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އިންޓަރެކްޓިވް ހަރަކާތްތަކާއި އިމަރސިވް ތަޖުރިބާތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ރީތިކަމާއި ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކާލާފައިވާކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތު ދެއްވިއެވެ.

ޕިކްޔޯޓްރޭލްއިން މޯލްޑިވްސް ކާނިވަލް 2025، "މޯލްޑިވްސް މަހައުތުސަވް"ގެ ތެރެއިން. ފޮޓޯ:އެމްއެމްޕީއާރްސީ
މި ކާނިވަލްގައި 17 ރިސޯޓެއް ބައިވެރިވެ، ޒިޔާރަތްކުރި ފަރާތްތަކަށް ޕްރީމިއަމް ރިސޯޓް އޮފާތަކާއި ދިވެހިރާއްޖޭގެ އެކިއެކި ރަށްތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކޮންމެ ސްޓޯލްއެއްގައިވެސް ޕިކްޔޯޓްރެއިލްގެ މަންދޫބުން ތިބެ، ޕާސަނަލައިޒްޑް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ބައިވެރިންނާ ގުޅިގެން ދަތުރުފަތުރުގެ ލަފާ ދިނުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެމްއެމްޕީއާރްސީން ވިދާޅުވީ މި ހަރަކާތަކީ އިންޑިއާގެ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ރީތިކަމާއި ލަގްޒަރީ ތަޖުރިބާތައް ދައްކުވައިދޭ ހަރަކާތެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރިސޯޓްތަކުގެ ޚާއްޞަ ހުށަހެޅުންތައް އިންޑިއާގެ މާކެޓަށް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެއް ލިބި، ޓްރެވަލް ސްޓޭކްހޯލްޑަރުންނާއި ގަންނަން ބޭނުންވާ ފަރާތްތަކާ ދެމެދު ވަރުގަދަ ގުޅުންތަކެއް ބަދަހިކުރުމަށް އެހީވެދިން ހަރަކާތެއްކަމަށްވެސް ވިދާޅުވިއެވެ.

ޕިކްޔޯޓްރޭލްއިން މޯލްޑިވްސް ކާނިވަލް 2025، "މޯލްޑިވްސް މަހައުތުސަވް"ގެ ތެރެއިން. ފޮޓޯ:އެމްއެމްޕީއާރްސީ
މޯލްޑިވްސް ކާނިވަލްގެ މަޤްޞަދަކީ އާއިލީ ޗުއްޓީތަކާއި، ރޮމޭންޓިކް ގެޓްއަވޭތަކާއި، އެޑްވެންޗާ ތަޖުރިބާތަކަށް އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދައްކާލުމެވެ.
ޕިކްޔޯޓްރެއިލްއަކީ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ތާވަލުތަކަށް ޚާއްޞަވެފައިވާ ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ޕްލެޓްފޯމެކެވެ. 2014 ވަނަ އަހަރު އުފެއްދުނު މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ދަތުރުގެ ކޮންމެ ބައެއްވެސް އަމިއްލައަށް ފަރުމާކުރުމުގެ ފުރުޞަތު ދެއެވެ. މީގެ ތެރޭގައި ވައިގެ ދަތުރުތަކާއި، ހުރުމުގެ އިންތިޒާމުތަކާއި، ހަރަކާތްތަކާއި އަދި ތަޖުރިބާތައް ހިމެނެއެވެ.
މި ޕްލެޓްފޯމުން އަމާޒު ހިފަނީ ދިވެހިރާއްޖެ ފަދަ މަޤްބޫލު މަންޒިލުތަކަށް އެއްވެސް ދަތިކަމެއް ނެތި ފަސޭހަކަމާއެކު ދަތުރު ރޭވުމުގެ އިންތިޒާމް ފޯރުކޮށްދިނުމެވެ.

