މުދަލަކީ ދެމިއަލީ ކަނޑިއެއް ކަމަށާއި އެއީ ބިނާ ކުރުމަށާއި ފަނާ ކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށް މިއަދުހެ ހުތުބާގައި ބުނެފިއެވެ.
ބާތިލު ގޮތުގައި މުދާ ކެއުން މި މައުޟޫއުގެ މައްޗަށް އަލިއަޅުވައި މިއަދު ދިން ޚުޠުބާއި ބުނީ މުދަލަކީ ﷲ ސުބުޙާނަހޫ ވަތަޠާލާ އެކަލާނގަނޑުންނަށް ދެއްވާ ބޮޑު ނިޢުމަތެއްކަމަށާއި އެއީ އެކަލާނގެ އަޅުތަކުން އިމްތިހާނުކުރެވުމަށްޓަކައި ލައްވާފައިވާ ސަބަބެއް ކަމަށެވެ. އަދި ހަަމައެހެންމެ މުދަލަކީ ދެމިއަލީ ކަނޑިއެއްކަމަށާއި އެއީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށްވެސް ހުތުބާގައި ވަނީބުނެފައެވެ.
އިންސާނާ ޙަލާލު ގޮތުގައި މުދާ ހޯދައިފި ނަމަ އަދި ޙަލާލު ގޮތުގައި ވުނާ ކޮށްފި ނަމަ އަދި ޙަލާލު ގޮތުގައި ހޭދަކޮށްފި ނަމަ އެއީ އޭނާއަށް ބާއްޖަވެރިކަން ގެނެސްދޭނެ އެއްޗެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ. މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު އެއާއިމެދު ނުވަތަ ބޮޑަށް ރައްކާތެރިވާން ޖެހޭނޭ ނޫންނަމަ ހެޔޮމަގުން ކަސިޔާރުވެދާނެއެވެ.
މިހެންވެ މުދަލުގެ ފިޠުނައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވި ކަމަށާއި އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަ ކަށަވަރުން ކޮންމެ އުންމަތަކަށްމެ ފިޠުނައެއްވެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިޠުނައަކީ މުދަލެވެ!"
އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވާ ކަން ހަނދާން ކޮށްދެމުން ހުތުބާގައި ބުނީ ކަންއެހެންއޮތުމާއެކު އެހެންމީހުންގެ މުދަލަށް އަރައިގަތުންވަނީ ޙަރާމްކުރައްވާފައި ކަމެއްކަމަށާއި މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުވުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކްވުމާއި، ރިޝްވަތުނެގުމާއި، ރިބާކެއުމާއި، ޖުވާކުރުންފަދަ ކަންކަމުން މުދާ ހޭދުމަކީ މިދީން މަނާކުރާ ކަންތައްތައް ކަމަށެވެ.
ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ގޮތުގައި އާއްމު ފަރުދުންގެ މުދަލުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ޙަރާމް ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ﷲތައާލާގެ ވަޙީބަސްފުޅެއްގެ މާނައިގައި ވަނީ، "ޣަނީމާ މުދަލަށް ޚިޔާނާތްތެރިވުމަކީ ނަބީ ބޭކަލަކަށް އޮތް ކަމެއް ނޫނެވެ. އަދި މުދަލަށް ޚިޔާނާތްތެރިވާ މީހާ އެ މީހަކު ޚިޔާނާތްތެރިވި ތަކެއްޗައިގެން ޤިޔާމަތް ދުވަހުން އެކަލާނގެ ޙަޟްރަތަށް އަންނާނެތެވެ. ދެން ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދިކަމެއް ގެ ޖަޒާ ފުރިހަމައަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ."
އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި ރަސޫލާއަށް ތިޔަ ބައިމީހުން ޚިޔާނާތްތެރިނުވާށެވެ! އަދި ތިޔަ ބައިމީހުންގެ އަމާނާތްތަކަށް އެނގި ތިބެ ތިޔަ ބައިމީހުން ޚިޔާނާތްތެރިނުވާށެވެ.!"
ކައުރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ހަމަކަށަވަރުން ﷲގެ މުދަލުން. އެބަހީ ‘މުސްލިމުންގެ މުދަލުން ޙައްޤުނޫން ގޮތުގައި ބޭނުންކޮށް އުޅޭ މީހުންނަށް ޤިޔާމަތްދުވަހުން ނަރަކައުއްޓެވެ."
ބާޠިލުގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާއާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާއާއި ތަކެތީގައި ޖެހެންވެއެވެ. މިއީ ޙަރާމް ކަމެކެވެ. މިއީ އަމާނާތާއި ޚިޔާނާތްތެރިވުމެކެވެ. މިއީ މަކަރާއި ހީލަތެކެވެ. ޢަލީ ބުނު އަމީރާ ރަޟިޔަﷲ ޢަންނު ވިދާޅުވިއެވެ.
އެއް ދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރުމެންނަށް މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ކަމަކަށް ތިމަންކަލޭގެފާނު އިސްކޮށްފި މީހާ ތިނޯހެއް ނުވަތަ އެއަށްވުރެ ބޮޑު މިންވަރެއްވެސް ފޮރުވައިފި ނަމަ އެކަން ވާޙުށީ އިޚްޔާނާތަކަށެވެ. ޤިޔާމަތްދުހުން އެމީހަކު އިޚްޔާނާތަކާއިގެން އަންނާނެތެވެ!"
ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި، މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރު ކުރުންވެ ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އަޅައިގެން އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެއްކަން ފާހަގަކުރުމާއެކު ހުތުބާގައި ބުނީ އެފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެތާނގެ މަސައްކަތާ ނުގުޅޭކަން ކަމުގައި އޭނާ މަޝްޢޫލު ވެގެންނެއް ނޫޅޭނެކަމަށެވެ. އަދި އޭނާގެ މަސައްކަތަށް ﷲ ބައްލަވާ ވޮޑިގެންވާކަން ދަންނަ މީހާ އޭނާ މަސައްކަތް ކުރޭތޯ ވެރި މީހާ ބެލިޔަސް ނުބެލިޔަސް ބަރާބަރަށް އޭނާ މަސައްކަތް ކުރާނޭ ކަމަށެވެ.
މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް އަދި ކަލޭގެފާނު ޤުރުއާނުން ކޮންމެ އެއްޗެއް ކިޔަވައި ވިދާޅުވިޔަސް އަދި ތިޔަބައިމީހުން ކޮންމެ އަމަލެއް ކުރިޔަސް ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު ތިޔަ ބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެ، ވޮޑިގެންވާކަމުގައި މެނުވީނުވަމެވެ! އަދި އުޑާއި ބިމުގައިވާ ޒައްރެއްގެ މިންވަރު ވެސް އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ވަންހަނާވެގެނެއް ނުވެތެވެ. ބަޔާންވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައި މެނުވީ ނުވެތެވެ!"
މިއަދުގެ ޚުތުބާގައި، ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ރިޝްވަތު ހިމެނޭކަން ވަނީ ހާމަކޮށްފައެވެ. ރިޝްވަތަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި، އެއީ ކަންކަން ހަލާކުކޮށްލާ ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކުރުމާއެކު، ހުތުބާގައި ބުނީ ރިޝްވަތަކީ ތެދު ދޮގަށް، އަދި ދޮގު ތެދަށް ބަދަލުކުރުމަށް ބޭނުންކުރާ ވަސީލަތެއްކަމަށެވެ
ޚުތުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، ރިޝްވަތަކީ ތަފާތު އެކި ނަންނަމުގައި އަދި ގޮތްގޮތުގައި ފެންނަ އެއްޗެކެއް ކަމަށާއި އެއީ މީހުން މަކަރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށާއި، އިންސާފާ ޚިލާފަށް ކަންތައްތައް ކުރުމަށް ބޭނުންކުރާ ނުރައްކާތެރި ހަތިޔާރެެއް ކަމަށެވެ. އަދި ހަދިޔާއެއްގެ ގޮތުގައި ނުވަތަ ސައިފޮދެއްގެ ގޮތުގައި، ނުވަތަ އެނޫންވެސް ނަމެއްގައި ދިން ނަމަވެސް، އެއީ ރިޝްވަތުކަމުގައި ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.
މި ދުނިޔޭގައި ރިޝްވަތުގެ އަދަބުން ސަލާމަތްވި ކަމުގައިވިޔަސް، އާޚިރަތުގައި އޭގެ އަދަބުން ސަލާމަތްވުމެއް ނޯންނާނެކަން ޚުތުބާގައި ޔަޤީންކޮށް ވަނީ ތަކުރާރުކޮށް ބުނެދީފައެވެ.
މިއަދުގެ ޚުޠުބާވެސް ނިންމާލީ މާތްﷲ ގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމަށް ގޮވާލައްވާ، އެގޮތަށް ދުޢާކުރަމުންނެވެ.

