ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ އުޅަނދެއް މިއަދު އއެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިމަޢުލޫމާތު ހާމަ ކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައެވެ. އަތުލެވުނު އުޅަނދުގައި 6 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މި އުޅަނދު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އާ ހަވާލުކުރެވިފައިކަމަށްވެސް އެމްއެންޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފްއިން އަންނަނީ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓު/ ފޮޓޯ: އެމްއެންޑީއެފް
މިގޮތުން، މިދިޔަ ޑިސެމްބަރު މަހުވެސް ގާނޫނާ ޚިލާފަށް ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް އެއަރ ކޯރ ޑްރޯންގެ އެހީގައި ލޮކޭޓްކޮށް، ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގައިވާ ގޮތުން، ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަންވާނީ، އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ ދުރާލާ ހޯދުމަށްފަހުގައެވެ.
މި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅޭނެއެވެ.

