ހުކުރު ދުވަހަކީ މުސްލިމުންގެ ހަފުތާގެ އީދު ދުވަސްކަމުގައި ވީނަމަވެސް، ދިވެހިންގެ މެދުގައި މިއަދު މި ދުވަސް ފާހަގަކުރެވެމުންދަނީ ސަގާފީ އާދަކާދައިގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ގޮތެއްގައެވެ. މި ދުވަހާ ގުޅިފައިވާ ތަފާތު އެތައް އާދަކާދައެއް އަދިވެސް ދިވެހިންގެ ތެރޭގައި ދެމިއޮތްކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ސިޓީއެކޭ ރަށެކޭ ތަފާތެއް ނޯވެއެވެ. ގޯޅިތަކާއި މަގުމަތިން ދުވާ އެންމެ މީރު ވަހަކީ ހުކުރު ދުވަހުގެ މެންދުރު ވަގުތު ކައިރިވަމުން އަންނައިރު ދުވާ ވަހެވެ. ކޮންމެ ގެއެއްގެ ބަދިގެއަކުން، ކޮންމެ އޮޅިގަނޑެއްގެ ތެރެއިން ދުވާ ވަހަކީ ކުކުޅާއި އަތަރުގެ މީރުވަހެވެ. އެއް ދިމާލަކުން ކުކުޅު ތެލުލާ ވަސް ދުވަމުންދާއިރު، އަނެއް ދިމާލަކުން ކުކުޅު ރިހަ ކައްކާ ވަސް ދުވާނެއެވެ.
ހުކުރު ވިލޭރޭގެ ޚާއްޞަކަން
ހުކުރުވިލޭރެއަކީ ދިވެހިންގެ ގޭގޭގައި ވަރަށް ޚާއްޞަ ރެއެކެވެ. މި ރޭގައި ގިނަ ގޭގޭގައި ހުކުރު ދުވަހަށް ތައްޔާރުވުމުގެ ގޮތުން އެތައް ކަމެއް ކުރެއެވެ. ބަދިގެއަށް ބޭނުންވާ ތަކެތި ގަތުމާއި، ހުކުރު ހެދުން ދޮވެ އިސްތިރިކުރުމާއި، ގޭތެރެ ސާފުކުރުން ފަަ މަސައްކަތްތައް ކުރެއެވެ. އަދި ގިނަ ގޭބިސީތަކުގައި މި ރޭގައި ލަސްވަންދެން ހޭލާ ތިބެ، ޓީވީ ބަލައި، މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ވަގުތު ހޭދަކުރެއެވެ.
ހުކުރު ދުވަހުގެ ޚާއްޞަ ކެއުން
ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަކީ ދިވެހި ގޭބިސީތަކުގައި ވަރަށް ޚާއްޞަ ކެއުމެކެވެ. ޚާއްޞަކޮށް ކުކުޅު މަހުގެ މެނޫއެއް މި ދުވަހު ހިމެނުމަކީ ގިނަ ގޭބިސީތަކުގެ އާދައެކެވެ. މި އާދައަކީ ކިހާ ޒަމާނެއް ވަންދެން ދެމިގެން އައި އާދައެއްކަން ސީދާ ނޭނގުނު ނަމަވެސް، މިއަދާ ހަމައަށްވެސް މި އާދަ ދަނީ ދެމިގެންނެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމުގައި ކުކުޅު ތައްޔާރުކުރެވޭ ގޮތްތައް ވަރަށް ގިނައެވެ. ކުކުޅު ބިރިޔާނީއާއި، އަލުވީގައި ހަދާ ކުކުޅާއި، ކުކުޅު ރިހައާއި، ތެލުލާ ކުކުޅު ފަދަ ތަފާތު ވައްތަރުތަކުގެ ކާނާ މާލޭގެ އެކި ސަރަހައްދުތަކުން ފެންނަން ހުރެއެވެ. މި ކޮންމެ ވައްތަރަކުން ދުވާ ވަހަކީ ބަނޑުހައިވެފައި ތިބޭ މީހުންނަށް އިތުރު ހިތްގައިމުކަމެއް ގެނެސްދޭ ކަމެކެވެ.

ކުކުޅު ބިރިޔާނީ، ދިވެހިންގެ ހުކުރުދުވަހުގެ މެންދުރުގެ ހާއްސަކެއުމެއް
ދިވެހިންގެ ތެރޭގައި ހުކުރު ދުވަހު ކުކުޅު ކެއުމުގެ އާދަ އޮތީ ކިހާ ޒަމާނަކުން ފެށިގެންކަން ސީދާ ނޭނގުނު ނަމަވެސް، މިއީ ހަނދާން ހުރި ހިސާބުން ފެށިގެން ދެމިގެން އައިސްފައިވާ އާދައެކެވެ. ޒަމާން ބަދަލުވެ، އެތައް އާދަކާދައެއް ބަދަލުވެގެން ދިޔަ ނަމަވެސް، ހުކުރު ދުވަހުގެ ކުކުޅު ކެއުމުގެ އާދަ ދަނީ ހަމަ އެގޮތުގައި ދެމިގެންނެވެ.
އަންހެންވެރިންގެ ދައުރު
ހުކުރު ދުވަހުގެ ހެނދުނަކީ އަންހެންވެރިންނަށް ވަރަށް ބުރަ ވަގުތުކޮޅެކެވެ. ހެނދުނު ހެނދުނާ ތެދުވެގެން ފެށޭ ބަދިގޭގެ މަސައްކަތް، ހުކުރު ނަމާދަށްފަހު ގެއަށް އަންނަ ފިރިހެނުންނަށް ޚާއްޞަ ކެއުމެއް ތައްޔާރުކުރުމާ ހަމައަށް ދެމިގެންދެއެވެ. މީގެ އިތުރުން ގޭތެރެ ސާފުކުރުމާއި، ހެދުން ދޮވެ އިސްތިރިކުރުން ފަދަ މަސައްކަތްތައްވެސް އެދެމެދުން ކުރެއެވެ.
ހުކުރު ހެދުމާއި ހުވަނދު
ހުކުރު ދުވަހަށް ހުދު ހެދުން ނުވަތަ އާ ހެދުން ލުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ އޮތް އާދައެކެވެ. ހުކުރު ނަމާދަށް ދާއިރު ހުވަނދު ލުމާއި، ސާފުތާހިރު ހެދުން ލުމަކީ ދީނީ ގޮތުންވެސް އެދެވިގެންވާ ކަމެކެވެ. ނަމަވެސް މިއަދު މި އާދަ ދަނީ ސަގާފީ އާދައެއްގެ ގޮތުގައި ބަދަލުވަމުންނެވެ.

ހުކުރުދުވަހުގެ މެންދުރުގެ ކެއުމަށް ކުކުޅުގެ ކޮންމެވެސް ބާވަތެއް ހުރުމަކީ ދިވެހިންގެ ޒަމާންވީ އާދައެއް/ފޮޓޯ:ލޮނުމެދު
ބަދަލުވަމުންދާ ސިފަތައް
ފަހަކަށް އައިސް ހުކުރު ނަމާދަށް ދިއުން ވަނީ ދީނީ ވާޖިބަކަށްވުރެ ބޮޑަށް ސަގާފީ އާދައަކަށް ބަދަލުވެފައެވެ. ފުތާގެ އެހެން ދުވަސްތަކުގައި މިސްކިތަށް ނުދާ މީހުންވެސް ހުކުރު ދުވަހު ނަމާދަށް ދިއުމަކީ މަޖުބޫރު ކަމަކަށް ވެފައިވެއެވެ. މިއީ އިސްލާމްދީނުގައި އޮތް ވާޖިބެއް ކަމުގައި ވީނަމަވެސް، މިހާރު މިކަން ކުރެވެމުންދަނީ އާއިލީ އަދި އިޖްތިމާޢީ އާދައެއްގެ ގޮތުގައެވެ. ގިނަ ބަޔަކު ހުކުރު ނަމާދަށް ދަނީ އާއިލީ އާދައެއްގެ ގޮތުން ނުވަތަ އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުންނެވެ. މިކަމުގެ ސަބަބުން ހުކުރު ނަމާދުގެ ދީނީ މަޤްޞަދު އޮއްބާލެވި، ސަގާފީ ކަމެއްގެ ގޮތުގައި ފާހަގަކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ޒަމާން ބަދަލުވެ، އެތައް އާދަކާދައެއް ބަދަލުވަމުން ދިޔަނަމަވެސް، ހުކުރު ދުވަހާ ގުޅުންހުރި ގިނަ އާދަތައް އަދިވެސް ދިވެހިންގެ ތެރޭގައި ދެމިއޮތްކަން ފާހަގަކުރެވެއެވެ. ނަމަވެސް މި އާދަތަކުގެ މަޤްޞަދު ބަދަލުވަމުންދާކަންވެސް ފާހަގަކުރެވެއެވެ. މިއަދު އަޅުގަނޑުމެންގެ ޒިންމާއަކީ މި އާދަތަކުގެ ދީނީ އަދި ސަގާފީ އަގު ވަޒަންކޮށް، އޭގެ ހަޤީޤީ މަޤްޞަދު ދެމެހެއްޓުމެވެ. ހަމައެކަނި ހުކުރަކީ މަޖުބޫރު އާދައަކަށް ނުހަދައި އެއީ ފަރުޟު އެހެން ނަމާާދުތަކާ އެކުގައި އަދާ ކުރަން ޖެހޭ ވާޖިބެއް ކަމުގައި ހަދަން އެބަޖެހެއެވެ. ނޫނީ އަންނަން އޮތް ޖީލުތަކަށް މިހާރުކަންތައް ވަމުންދާގޮތުގެ ނުރަނގަޅު އަސަރު މާބޮޑަށްވެސް ގޯސްކޮށް ކޮށްފާނެއެވެ.

