ޔޫރިން އިންފެކްޝަނަކީ އަންހެނުންނަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. ވޭންދެނިވި އަދި ފަރުވާ ހޯދަންޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ގިނަ އަންހެނުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންކަމުން މިފަދަ އިންފެކްޝަނެއް ޖެހިއްޖެނަމަ ވީ އެންމެ އަވަހަކަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ފިރިހެނުންނަށް ވުރެ އަންހެނުންނަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އަންހެނުންގެ ކުޑަކަމުދާ ހޮޅި (ޔުރެތްރާ) ފިރިހެނުންނަށް ވުރެ ކުރުވުމެވެ.
މާބަނޑު އަންހެނުންނަށް ޔޫރިން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ބަލިވެ އިނުމުގެ ސަބަބުން ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ރަހިމުގެ ސައިޒަށް އަންނަ ބަދަލުތަކެވެ.
ބަލި ދެނެގަތުމާއި ފަރުވާ
- ޔޫރިން އިންފެކްޝަން ޖެހުމުގެ އެންމެ އާންމު ސަބަބަކީ ފެންބުއިން މަދުވުމެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތީގެ ކޮންސެންޓްރޭޝަން މަތިވެ، ޖަރާސީމު އަށަގަންނަން ފަސޭހަވެއެވެ.
- ޖިންސީ ގުޅުމުގެ ތެރެއިން މި ބަލި އެއް މީހެއްގެ ކިބައިން އަނެއް މީހެއްގެ ކިބައަށް ނަގުލުވެއެވެ. އަދި ހަކުރު ބައްޔާއި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ފަދަ ބަލިތަކުގެ ސަބަބުންވެސް މި ބަލި ޖެހިދާނެއެވެ.
- ކުޑަކަމުދާން ވެފައި ގިނައިރު ހުރުމާއި، ކުޑަކަމުދާ ނިޒާމުގައި ހުންނަ އާދަޔާ ޚިލާފު ކަންކަމުގެ ސަބަބުން ވެސް މި ބަލި ޖެހިދާނެއެވެ.
ޔޫރިން އިންފެކްޝަން ޖެހިފައިވާކަން ކަށަވަރުކުރުމަށްޓަކައި ޑޮކްޓަރަށް ދެއްކުމަށްފަހު ކުޑަކަމުދާ ތަކެތި ތަހުލީލު ކުރަންޖެހެއެވެ. މި ތަހުލީލުން ކުޑަކަމުދާ ތަކެތީގައި ހުންނަ ޕްރޮޓީނާއި އެހެނިހެން މާއްދާތަކުގެ މިންވަރު ބެލޭނެއެވެ. އަދި ޖަރާސީމުގެ އަސަރާއި ލޭގެ އަސަރު ހުރިތޯވެސް ބެލޭނެއެވެ. 
ޔޫރިން އިންފެކްޝަނަކީ އަންހެނުންނަށް އާންމުކޮށް ދިމާވާ ވޭންދެނިވި އަދި ފަރުވާ ހޯދަންޖެހޭ ބައްޔެކެވެއިތުރު މެޑިކަލް ޓެސްޓުތައް
ފުރަތަމަ ދެވޭ ފަރުވާއިން ރަނގަޅުވުމުގެ އަލާމާތްތައް ނުފެންނަނަމަ، ސިސްޓޮސްކޮޕީ ހަދަންޖެހިދާނެއެވެ. މިއީ ކުޑަކަމުދާ ހޮޅީގެ ތެރެއަށް ކެމެރާއެއް ލައްވައިގެން ނިޒާމުގެ އެތެރެ ބަލާ ޓެސްޓެކެވެ. އަދި ގުރުދާ، މަސާނާ އަދި ޔުރެޓަރގެ ހާލަތު ދެނެގަތުމަށް އަލްޓްރާސައުންޑް ސްކޭން ހެދިދާނެއެވެ.
ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ޔޫރިން އިންފެކްޝަނުން ސަލާމަތްވުމަށް އެންމެ މުހިންމު އަދި އެންމެ ބޮޑަށް އިސްކަން ދޭން ޖެހޭ ސަމާލުވާން ޖެހޭ ކަމަކީ ސާފު ބޯފެން ގިނައިން ބުއިމެވެ. ދުވާލަކު 8 ތަށި ނުވަތަ 9 ތަށި ފެން، ހާއްސަކޮށް ހޫނު ދުވަސްތަކުގައި އަދި ހޫނު ގަދަ ތަންތަނުގައި އުޅޭނަމަ، ނުވަތަ ކުރާ މަސައްކަތަކުން ގައިން ދާހިއްލައި ފެން ބޭރުވާނަމަ މިއަށްވުރެ ގިނައިން ފެން ބުއިމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ހަމައެހެންމެ ހާއްސަކަމަކަށް އަބަދުވެސް ވިޓަމިން ސީ ހިމެނޭ، ހަކުރުނާޅާ ތާޒާ ޖޫސް ގިނައިން ބޭނުން ކުރަންވާނެއެވެ. މިގޮތުން އެންމެ ރަނގަޅީ ކްރޭންބެރީ ޖޫހެވެ. އަދި ކުޑަކަމުދާން ބޭނުންވުމުން ގިނައިރު ނުހިފެހެއްޓުމަކީވެސް މުހިންމު ކަމެކެވެ.

ޔޫރިން އިންފެކްޝަނަކީ އަންހެނުންނަށް އާންމުކޮށް ދިމާވާ ވޭންދެނިވި އަދި ފަރުވާ ހޯދަންޖެހޭ ބައްޔެކެވެ
ސަމާލުވާންޖެހޭ ކަންތައްތައް
ޔޫރިން އިންފެކްޝަން ޖެހިފައިވާ ދުވަސްވަރު ޖިންސީ ގުޅުން ހިންގުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި ބަލި ފަސޭހަވަންދެން ޑޮކްޓަރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. ބަލި ރަނގަޅުވިކަމަށް ހީވިޔަސް، ފަރުވާ ފުރިހަމަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ކުޑަކަމުދާ ނިޒާމުގައި ޖެހޭ އިންފެކްޝަން ނުވަތަ ޔޫރިން އިންފެކްޝަނަކީ ބައެއް ހާލަތްތަކުގައި ވަރަށް ބޮޑަށް ވޭން ލިބޭ، އަދި ނުރައްކާތެރި ބައްޔަކަށް ވެދާނެއެވެ. އެހެންކަމުން، މިފަދަ އިންފެކްޝަނެއްގެ އަލާމާތްތައް ގަދަވެ، ދަތިތައް އިތުރުވަމުންދާނަމަ، އިތުރު މެޑިކަލް ޓެސްޓްތައް ހެދުމަށްފަހު އެކަށީގެންވާ ފަރުވާއެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް އަންހެނުންގެ ވިހެއުމުގެ ގުނަވަންތަކަށް މި ބަލީގެ ސަބަބުން އަސަރުކޮށްފާނެތީ، އަންހެނުން މިކަމުގައި އިތުރު ފަރުވާތެރިކަމާއި ސަމާލުކަން ބަހައްޓަންޖެހެއެވެ.

