ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން
މިފަހަކަށް އައިސް ބޭރަށް ނުކުމެ އާއިލާއާއި ރައްޓެހިންނާއެކު ވަގުތުހޭދަކޮށްލާނެ ވަގުތެއް ނުލިބި، ތާާއަބަދުހެން ގޭތެރޭގައި ތިބުމަކީ އާންމުވެފައިވާ ކަމެކެވެ. އޮންލައިން އޯޑަރުތަކާއި ޑެލިވަރީތައް ފަސޭހަ ވުމާއި ސްކްރީނުން ހިތްހަމަޖެހުން ހޯދުން އިތުރުވެ ބޭރަށް ނުކުމެ އުޅުމުގެ ބޭނުމެއް އިހުސާސްވެސް ނުވަނީއެވެ. ނަމަވެސް، މިއީ ޞިއްޙަތަށް ރަނގަޅު ކަމެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަފުތާއަކު މަދުވެގެން 2 ގަޑިއިރު ބޭރުގައި ހޭދަކުރާ މީހުންނަކީ ގޭތެރޭގައި ހުރިހާ ވަގުތު ހޭދަކުރާ މީހުންނަށްވުރެ ދުޅަހެޔޮ އަދި އުފާވެރި ބައެކެވެ.
ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ފައިދާ
ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމުން ޖިސްމާނީ ގޮތުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އިރުގެ އަލިން ލިބޭ ވިޓަމިން ޑީ އިން ހަށިގަނޑުގެ މަސްތަކާއި، ނާރުތައް، ދިފާއީ ބާރު އަދި ކަށިތައް ވަރުގަދަވެއެވެ. އަދި ބޭރުގެ މާހައުލުގައި ކަސްރަތުކުރުމުން ހަށިގަނޑުގެ ބާރު ގަދަވެ، ބަރުދަން ބެލެހެއްޓުމަށް ފަސޭހަވެ، ތާޒާކަން އިތުރުވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ފައިދާ
ބޭރުގެ މާހައުލުގައި ވަގުތު ހޭދަކުރުމުން ނަފްސާނީ ގޮތުން ލިބޭ ފައިދާތަކަކީ ވަރަށް މުހިންމު ކަންކަމެވެ. ހާސްކަމާއި ކަންބޮޑުވުން ކުޑަވެ، ސްޓްރެސް ހޯމޯން "ކޯޓިސޮލް" ދަށްވެ، މޫޑު ރަނގަޅުވެއެވެ. ސާފު ވައި ލިބި، ގުދުރަތީ މަންޒަރުތައް ފެނުމުން ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބެއެވެ.
ކުޑަކުދިންނަށް ކުރާ ފައިދާ
ކުޑަކުދިންނަށް ބޭރުގެ މާހައުލުގައި އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ބޭރުގެ މާހައުލުގައި އުޅެ ބޮޑުވާ ކުދިންގެ ފުއްޕާމޭގެ މަސައްކަތް އެހެން ކުދިންނަށްވުރެ ރަނގަޅުވެއެވެ. އަދި މިކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ.
ބޭރުގައި އުޅޭއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ސަންސްކްރީން ބޭނުންކުރުމަކީ ހަމުގެ ކެންސަރުފަދަ ބަލިތަކުން ރައްކާތެރިވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ކުޑަ ވަގުތުކޮޅެއް ނަމަވެސް ބޭރުގައި ހޭދަކުރުމަކީ އާދައަކަށް ހަދަންޖެހޭ ކަމެކެވެ.

