އައްޑޫ ސިޓީގައި ހުންނަ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، މިއަހަރު ތެރޭގައި މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ 284 އެނދުގެ މި ރިސޯޓަކީ، ކުރީގައި ސަރުކާރުގެ 30% ހިއްސާއާއެކު ހިންގަމުން އައި ރިސޯޓެކެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ސަރުކާރުން ވަނީ އެ ހިއްސާ ދޫކޮށްލާފައެވެ. މިގޮތަށް ހިއްސާ ދޫކޮށްލީ ކޯވިޑް-19 އާ ގުޅިގެން ރިސޯޓު ބަންދުކުރުމަށްފަހު އަލުން ނުހުޅުވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ސަރުކާރަށް ގެއްލުންވަމުންދާތީއެވެ.
ޝަންގްރިއްލާ ރިސޯޓަކީ އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އައި ތަނެއް ކަމަށްވެފައި، އެތަން ބަންދުވުމާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. އެހެންކަމުން، އަލުން ރިސޯޓު ހުޅުވޭނެ ދުވަހަކަށް އައްޑޫގެ ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
ޝަންގްރިއްލާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ވަޒީރު ފައިޞަލް ވިދާޅުވީ، އެޓަރނީ ޖެނެރަލްގެ އޮފީހުން މިހާރު ޝަންގްރިއްލާއަށް ނޯޓިސް ދީފައިވާ ކަމަށެވެ. "މިހާރު ވަކި ޑޭޓެއް ކިޔާކަށް ނެތިން. ޝަންގްރިއްލާ އިޝޫގައިވެސް އަޅުގަނޑުމެން މިހާރު ވާނީ އެޓާނީ ޖެނެރަލް އޮފީހުން އަޅުގަނޑުމެންގެ ލަފައާއެކު ނޯޓިސްދީފައި. މިއަހަރު ތެރޭ ހައްލެއް ހޯދޭނެ. ދެން ރިނޮވޭޝަނަށް ނަގާނެ ވަގުތެއް އެނގޭނީ އެތަން ބަލާލީމަ،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުތައް މުހިންމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ މަސައްކަތްތައްވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

