އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) އިން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ އޮއިލް ސްޕިލް އިމަޖެންސީ ރެސްޕޮންސް ޓްރެއިނިންގ ޕްރޮގްރާމް މިއަދު ނިމުމަކަށް އައިސްފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ، އަލްފާޟިލް އިބްރާހީމް ނަޢީމްއާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމްގެ އިތުރުން ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޖަނަވަރީ 5 އިން 16 އަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ 17 ސެއިލަރުންނާއި، ސްރީލަންކާ ކޯސްޓްގާޑުގެ 10 އޮފިސަރުންނާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ތިން މުވައްޒަފުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީން ދެ މުވައްޒަފަކު ބައިވެރިވިއެވެ.
މި ޕްރޮގްރާމަކީ އެމްއެންޑީއެފްގެ މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސްގެ ޤާބިލުކަން އިތުރަށް ފުޅާކުރުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ޔޫކޭ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއަރޒް، އަދި ދިވެހިރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން ލެވެލް 1، 2، 3 އާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް 100، 200، 300 އާއި، އޭރިއަލް ސަރވައިލަންސްއާއި، ޝޯރލައިން ކްލީންއަޕް އެސެސްމަންޓް ޓެކްނިކުގެ ބައިތައް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމުން ބައިވެރިންނަށް ތެޔޮ ލީކުވުމުގެ ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި، އެފަދަ ހާދިސާތަކުގައި ޢަމަލުކުރަން
ޖެހޭ ގޮތްތަކުގެ މުހިންމު މަޢުލޫމާތު ލިބިގެންދިޔައެވެ. މީގެ އިތުރުން، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމާއި ތެލުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

އޮއިލް ސްޕިލް އެމަޖެންސީ ރެސްޕޮންސް ޓްރެއިނިން ޕްރޮގްރާމް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، "މި ފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް" ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ދިވެހި އޮފިސަރުންނަށް ލިބޭ ތަޖުރިބާއަކީ އަގުހުރި އެއްޗެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އީޕީއޭގެ ޑައިރެކްޓަރ އިބްރާހީމް ނަޢީމް ވިދާޅުވީ، "ތެޔޮ ލީކުވުމުގެ ހާދިސާތަކަކީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާޙައުލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް" ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ދައުލަތުގެ އިދާރާތަކުގެ ތައްޔާރީ އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު އުންމީދު ފާޅުކުރެއްވިއެވެ.
މި ޕްރޮގްރާމް ނިމުމާ ގުޅިގެން، ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމްއެވެ. އަދި މި ޕްރޮގްރާމުގައި އެންމެ ރަނގަޅަށް ބައިވެރިވި ފަރާތްތަކަށް ޚާއްޞަ އެވޯޑްތަކެއްވެސް ދެވުނެވެ.

