އެސްޓޯނިއާ ދަތުރުގައި ސޮއިކުރެވުނީ އައިޓީ ދާއިރާ ކުރިއެރުވުމަށް މުހިންމު އެއްބަސްވުންތަކެއްގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު، ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާ ދަތުރުފުޅު ނިންމަވާލައްވައި ފުރާވަޑައިގަންނަވަމުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ކިނާނަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާ އަށް ކުރެއްވި މި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
“ޚާއްޞަކޮށް ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބޭފުޅުންނަށް މިއީ ވަރަށް އުފާވެރި ޚަބަރަކަށް ވާނެ” ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު އިތުރަށް ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު ޓެކްނޮލޮޖީއާ ގުޅުންހުރި އެމްއޯޔޫ ގައި ރާއްޖެއަށް ވަރަށް މުހިންމު ތިން ހަތަރު ދާއިރާއެއް ހިމެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑިޖިޓަލް ގަވަރނަންސް، ސައިބަރ ސެކިއުރިޓީ އަދި މަޢުލޫމާތު ހިއްސާކުރުން ފަދަ ދާއިރާތައް ހިމެނޭ ކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
14 ޖަނަވަރީ 2025 ގައި ދިވެހިރާއްޖެ އާއި އެސްޓޯނިއާ ދެމެދު އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި އެމްއޯޔޫގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ދާޚިލީ ވަޒީރު އަލީ އިޙްސާން އަދި އެސްޓޯނިއާގެ މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލިސާ-ލީ ޕަކޯސްޓާ އެވެ.
އެސްޓޯނިއާއަކީ ޑިޖިޓަލް ގަވަނަންސް އާއި އީ-ސަރވިސް ގެ ދާއިރާގައި ދުނިޔޭގެ ލީޑަރެއްގެ ގޮތުގައި ބެލެވޭ ޤައުމެކެވެ. އެ ޤައުމުން ތަޢާރަފުކުރި އީ-ރެޒިޑެންސީ ޕްރޮގްރާމާއި، އީ-ގަވަނަންސް މަންސަތަކާއި، ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބުއްދިވެރިކަމާއެކު ޑިޖިޓަލް ޙައްލުތައް ހޯދައިދީފައިވާ ގޮތުގެ ސަބަބުން އެސްޓޯނިއާ ވަނީ މަޝްހޫރުވެފައެވެ.

