ރޭ ފަތިހު 05:30 ގައި ގއ. ދާންދޫ އަށް ހުއްޓުމެއްނެތި ވެހެން ފެށި ވާރޭގައި އެ ރަށް ފެންބޮޑުވެއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދިން ގޮތުގައި ރޭ ފަތިހު 05:30 ގައި ވެހެން ފެށި ވާރޭ ހުއްޓާލީ މިއަދު ހެނދުނު 07:00 ގައި ކަމަށެވެ. އަދި ބޯ ވިއްސާރައިގައި މަގުތައް ފެންބޮޑުވެފައިވާ ކަމަށާއި ރަށު ސްކޫލަށް ވެސް ފެން ވަދެފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

ދާންދޫ ސްކޫލުން ފެން ހިންދުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ދާންދޫ ކައުންސިލް
ރައީސް އިތުރަށް ވިދާޅުވީ، މަގުމަތީގައި އަޅާފައިވާ ނަރުދަމާ ނިޒާމު ތެރެއިން ގެތަކުގެ ފާހަނަ ފުރިގެން ގެތައް ފެންބޮޑުވެފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި އެމްއެންޑީއެފުންނާއި ދާންދޫ ފުލުހުންނާއި ރަށު ރައްޔިތުން އެއްބައިވެގެން ވަނީ ގެތަކުގައި ވެލި ބަސްތާ ޖަހާފައެވެ. އަދި މިހާރު ރަށުގެ އާންމު ހާލަތު ކުރިއަށް ވުރެ ރަނގަޅު ވެފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
ކައުންސިލުން ހާމަކުރިގޮތުގައި ދާންދޫ މަގުތަކުގައި 1 ފޫޓުގެ އުސްމިނަކަށް ފެން ބޮޑުވެފައިވެއެވެ.
މިދުވަސްކޮޅު ރާއްޖެއަށް މިކުރާ ވިއްސާރައިގައި ބައެއް ރަށްތަކުގައި ފެން ބޮޑުވެ އާންމު ހާލަތަށް ވެސް ގެއްލުންތަކެއް ވެފައިވެއެވެ.

