ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ގުޅިގެން ކުޅިވަރު ކުޅުނު މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މި މައްސަލަ ބެލުމަށް ފަށާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިޖުތިމާއީ މީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
މިނިސްޓަރު ޝަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯއެއްގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި، މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ތ. ވިލުފުށީގެ މަސްޖިދުލް އުމަރު ފާރޫގްގެ ބޭސްމެންޓްގެ ތެރޭގައި ބިދޭސީންތަކެއް ކުޅިވަރު ކުޅޭ މަންޒަރެވެ. މި ވީޑިއޯގައި ފެންނަ ގޮތުގައި ފެން އަޅާ ތައްޓެއް ބޮލަށް ލައިގެން ދެ މީހަކު ރޭސް ޖަހާ މަންޒަރު ފެނެއެވެ. އަދި މި ހަރަކާތް ހިނގަމުންދިޔައިރު އެތަނުގައި ލަވަ ވެސް ޖަހާފައި ހުރި ކަމަށް ވީޑިއޯއިން ފާހަގަކުރެވެއެވެ.
މި ހަރަކާތްތައް ކުރިއަށްދިޔައިރު، އެ އިމާރާތުގެ ތެރޭގައި މާތްﷲ ގެ ކަލާމްފުޅާއި ގުރުއާނުގެ އެކި ކުރެހުންތައް ހުރި މަންޒަރު ވެސް ވީޑިއޯއިން ފެންނަން ހުއްޓެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

