ގއ ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިން ބަލިމީހަކާމެދު އެހޮސްޕިޓަލުން އިހާނެތިކޮށް ކަންތައް ކުރިކަމަށް ބުނެ ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކައި ހޮސްޕިޓަލު ބަދުނާމު ކުރަމުންދާ މައްސަަލައާ ގުޅިގެން އެހޮސްޕިޓަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން ގއ އަތޮޅުހޮސްޕިޓަލުން ހުވަދޫމީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ ބަލިމީހާއަކީ، މި ޖެނުއަރީމަހު 11 ވަނަ ދުވަހު، ފަރުވާއަށްފަހު އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހާގެ ރަށަށް ކުރި ދަތުރުމަތީ އޮކްސިޖަން ލެވެލް ދަށްވެގެން އިމަރޖެންސީގައި ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އެނދުމަތި ކުރި ބަލިމީހެކެވެ. އަދި މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމީހާ އޮތީ ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް ފަރުވާ ނިމި މީހާ ޑިސްޗާޖު ކުރުމުން، ބަލިމީހާގެ ފަރާތުން ހޮސްޕިޓަލުގައި އެދިފައިވަނީ އެންސްޕާއަށް ހުށަހަޅާފައިވާތީވެ، އެންސްޕާ ހަމަޖެހެން ދެން ހޮސްޕިޓަލުގައި މަޑުކުރެވޭނެ ގޮތެއް ހަދައިދިނުމަށެވެ. ގއ އަތޮޅު ހޮސްޕިޓަލަކީ ހުވަދުއަތޮޅުގައި ގުޅިފައި ހުންނަ ރަށްރަށުން ދާ ބަލިމީހުންނަށް، ފުރުމަށް ލޯންޗު ހަމަޖެހެންދެން ނުވަތަ ޓިކެޓް ހަމަޖެހިގެން އެމީހަކަށް ދެވޭނެ މަގު ފަހިވަންދެން ހޮސްޕިޓަލުގައި ބަލިމީހާ އަށް މަޑުކުރެވޭނޭ އިންތިޒާމު އަބަދުވެސް ހަމަޖައްސައިދޭ ހޮސްޕިޓަލެކެވެ. އެހެންކަމުން މިދަންނަވާ ބަލިމީހާއަށްވެސް އެންސްޕާ ހަމަޖެހިގެން ތަނުން ދެވޭނެ މަގުފަހިވަންދެން (ޑިސްޗާޖުކޮށްފައި ވީނަމަވެސް) ހޮސްޕިޓަލުގައި މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިން ކަމަށްވެސް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ސޯޝަލްމީޑިއާގައި ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރުމަށް ހުއްދަ ނުދެވޭނެ ކަމަށާއި 24 ގަޑިއިރަށްވުރެ ގިނައިރު މަޑުނުކުރެވޭނޭ ކަމަށާއި އަދި ގަދަބާރުން ހޮސްޕިޓަލުން ބޭރުކޮށްލިކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ދޮގުވާހަކަތަކެކެވެ. ހޮސްޕިޓަލުން ބަލިމީހާ (ޑިސްޗާޖު ކުރި ފަހުން) މަޑުކުރުމަށް ހުއްދަދިން ދުވަހުގެ ފަހު ދުވަހު އެމީހާއަށް ޒިޔާރަތްކޮށް، އެންސްޕާގެ ކަންތައް ހަމަޖެހިއްޖެތޯ ސުވާލު ކުރިއެވެ. ބަލިމީހާގެ ފަރާތުން އެންސްޕާ އަދި ހަމަނުޖެހޭ ވާހަކަ ބުނުމަށްފަހު، އެންސްޕާ ހަމަޖެހެންދެން ހޮސްޕިޓަލުގައި މަޑުކުރަން ބޭނުންވާހަކަ ބުނުމުން އެކަމާ ހޮސްޕިޓަލުން ދެކޮޅެއް ނުހަދައެވެ. އަދި ހޮސްޕިޓަލުން ނުކުމެގެން ދިއުމަށް ބުނެ ބޭއަދަބީކޮށް އަމަލު ކުރި ކަމަށް ބުނެފައިވާ ވާހަކައަކީވެސް ކަނޑައެޅިގެން ދޮގެކެވެ. ހޮސްޕިޓަލުގެ މެނޭޖުމަންޓުން އަމުރުކުރި ގޮތްކަމަށާއި ވަގުތުން ދިއުމަށް ބުނި ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބުންޏެވެ.
އަދި ހަމަމިއާއެކު، އެ ބަލިމީހާގެ ޅީދަރިފުޅަކީ (ފިރިހެންދަރިފުޅެއްގެ އަނބިމީހާ) ގއ ވިލިނގިލީ ގެދޮރު ހުރި، އެރަށު މީހަކަށްވާއިރު، ބަލިމީހާ ޑިސްޗާޖު ކުރުމުން އެގެއަށްވެސް ގެންދިއުމުގެ ފުރުސަތު އޮތްއިރު، އެރަށުގައި ދަންނަ ބައެއް ނެތް ކަމަށާއި އެއީ ބީރަށްޓެހި ރަށެއްކަމަށް ބުނެ ހޮސްޕިޓަލުގައި މަޑުކުރުމަށް އެދި، އަދި ހުއްދަ ދިނުމުން މިގޮތަށް ކަންތައް ކުރުމަކީ ވަރަށްވެސް ނާތަހުޒީބީ ހަމަނުޖެހޭ އަމަލެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ގއ އަތޮޅު ހޮސްޕިޓަލަކީ އެހޮސްޕިޓަލުގެ ޚިދުމަތްތަކާއި ހޮސްޕިޓަލުގެ ސްޓާފުންނާއި މެނޭޭޖުމަންޓުން މީހުންނާ މެދު ބަހައްޓާ ގާތްކަމާއި ޤަދަރަށްޓަކައި މުޅި ރަށުގައި ނަން މަޝްހޫރު ހޮސްޕިޓަލެކެވެ. އަދި އެކަމަކަށްޓަކައި ރަަށާއި ރަށުގެރައްޔިތުން ފަހުރުވެރިވާ ހޮސްޕިޓަލަކާ ގުޅޭ ގޮތުން މިފަދަ ވާހަކަތަކެއް ފެތުރެމުން ދިއުމަކީ އެތައް ބަޔަކު ކަންބޮޑުވާ ކަމެއްކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ހޮސްޕިޓަލުން ފަރުވާ ލިބިގަންނަ ބަލިމީހުންނަށް ފުރުން ލަސްވުން، ލޯންޗު، ފެރީ، ފްލައިޓު މިސްވުން ނުވަތަ ގަޑީގެ ކުރިން ޑިސްޗާޖު ކުރެވިއްޖެނަމަވެސް، އެމީހަކަށް ދަތުރު ހަމަޖެހެންދެން ހޮސްޕިޓަލުން އަބަދުވެސް އެހީތެރިކަންދޭ ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. ކެއިންބުއިމުގެ ކަންކަމަށް ދާނދެން ހަމަޖައްސައިދެއެވެ. މިއީ އަބަދުވެސް އެހޮސްޕިޓަލުން ކުރާ ކަމަކަށްވެފައި މިއަދު މިގޮތަށް ވާހަކަތަކެއް އިވުމުން ހޮސްޕިޓަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގއ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެމުން ބުނީ، އޭގެ ޖެހިގެން އައި ދުވަހު އެ ބަލިމީހާއަށް އެންސްޕާ ހަމަޖެހިއްޖެ ކަމަށާއި އެމީހުން ފުރައިގެން ދިޔަ ފަހުންވެސް ހޮސްޕިޓަލުގެ ނަރުސްކުއްޖަކު އެމީހުންނަށް ގުޅައި ހާލު ބެލި ކަމަށާއި އެވަގުތުވެސް މިފަދަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.
މިކަމާ ގުޅިގެން ގއ ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، ގއ އަތޮޅު ހޮސްޕިޓަލަކީ ބަލިމީހުންނާއި ބަލިމީހާ އާއެކުގައި އަންނަ އެހީތެެރިޔާއަށްވެސް ވަރަށް ބޮޑަށް ކަމޭހިތާ ހޮސްޕިޓަލެއް ކަމަށާއި މިފަދަ އެއްވެސް ޙަގީގަތެއް ނެތް ދޮގުވާހަކަތައް ހޮސްޕިޓަލާ ބެހޭ ގޮތުން ފަތުރައި ހޮސްޕިޓަލު ބަދުނާމު ކުރުމަކީ ވަރަށްވެސް ހިތާމަހުރި ކަމެއްކަމުގައެވެ. އަދި މިފަދަ ނާތަހުޒީބީ އަމަލެއް ބަޔަކު ކުރިއަތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
ކޮންމެއަކަސް ގއ އަތޮޅު ހޮސްޕިޓަލާ ބެހޭ ގޮތުން އެރަށުގެ އަދި ރަށުން ބޭރު އެހެން ރަށްރަށުން ވެސް އިވުނީ ތަޢުރީފުގެ ބަސްތަކެކެވެ. ވާހަކަދެއްކި އެެއްވެސް މީހަކު އެހޮސްޕިޓަލާ ބެހޭ ގޮތުން އެއްވެސް ގޯސް އަދި ނުރަނގަޅު ވާހައެއް ނުދައްކައެވެ. އެހެންކަމުން ހޮސްޕިޓަލާ ބެހޭ ގޮތުން ހަގީގަތެއްނެތް ވާހަކަދައްކައި ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ސްޓާފުން ބަދުނާމުކުރަން މަސައްކަތް ކުރުމަކީ ވަރަށްވެސް ނާތަހުޒީބު އަމަލެއް ކަން ޔަގީނެވެ.

