މެނޯރެޖިއާ އަކީ އަންހެނުންގެ މެދުގައި ވަރަށް އާންމު ޞިއްޙީ މައްސަލައެކެވެ. މިއީ އާދަޔާ ޚިލާފަށް ގަދައަށް ލޭ ފައިބައި، ދިގު މުއްދަތަކަށް މައްސަރު ކަންތައް ދެމިގެންދާ ހާލަތެކެވެ. މި ހާލަތުގެ ސަބަބުން އަންހެނުންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
މެނޯރެޖިއާގެ މައިގަނޑު ސަބަބުތައް.
މައިގަނޑު ގޮތެއްގައި ތިން ބާވަތެއްގެ ސަބަބުތަކެއް ފާހަގަކުރެވެއެވެ. އެންމެ ފުރަތަމަ ކަމަކީ ދަރިމައިވުމުގެ ނިޒާމާ ގުޅުންހުރި މައްސަލަތަކެވެ. މީގެ ތެރޭގައި ރަހިމުގައި ހުންނަ ކެންސަރު ނޫން ޓިއުމަރުތައް (ފައިބްރޮއިޑްސް އަދި ޕޮލިޕްސް)، ރަހިމާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، އައިޔޫޑީ ފަދަ ވަސީލަތްތައް ބޭނުންކުރުން، އަދި މިސްކެރެޖް އާއި އެކްޓޮޕިކް ޕްރެގްނެންސީ ފަދަ ބަލިތައް ހިމެނެއެވެ.

މެނޯރެޖިއާގެ ސަބަބުން މާބޮޑަށް ހާލުދެރަވާނަމަ ޑޮކްޓަރަށް ދެއްކުން މުހިންމެވެ!/ ފޮޓޯ:އައިސްޓޮކް
ދެވަނަ ކަމަކީ ހޯމޯނާ ގުޅުންހުރި މައްސަލަތަކެވެ.
ހޯމޯން ބެލެންސް ނުހިފެހެއްޓުން، ޚާއްޞަކޮށް އެސްޓްރޮޖެން އަދި ޕްރޮޖެސްޓެރޯންއާ ގުޅުންހުރި މައްސަލަތަކަކީ ގަދައަށް ލޭއައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެކެކެވެ. ހޯމޯން ބެލެންސް ނުވުމުގެ ސަބަބުން ރަހިމުގެ ފަށަލަތައް ބޯވެ، އޭގެ ސަބަބުން ޕީރިއަޑް ދުވަސްވަރު އާދަޔާ ހިލާފަށް ލޭ ފޭބުން ދިމާވެއެވެ.
ހަމައެހެންމެ އެހެނިހެން ބަލިތަކާއި ޑިސްއޯޑަރތަކުގެ ސަބަބުންވެސް މިމައްސަލަ ދިމާވެއެވެ. މީގެ ތެރޭގައި ވޮން ވިލްބްރޭންޑް ޑިސީސް ފަދަ ލޭއައުމުގެ މައްސަލަތަކާއި، ޕްލެޓްލެޓް މައްސަލަތަކާއި، ލިވަރ، ކިޑްނީ އަދި ތައިރޮއިޑްގެ މައްސަލަތައް ހިމެނެއެވެ.

މެނޯރެޖިއާގެ އަލާމާތްތައް ކުޑަކުރުމަށް ޗޮކްލެޓް ކެއުމުން ސިކުނޑިން ދޫކުރާ އުފާވެރި ހޯމޯންގެއެހީގައި ހަމަޖެހުމާއި ލުއިލިބޭނެއެވެ!/ ފޮޓޯ:އައިސްޓޮކް
މެނޯރެޖިއާގެ މައިގަނޑު އަލާމާތްތައް
- މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި 7 ދުވަހަށްވުރެ ގިނަ ދުވަހަށް މައްސަރު ކަންތައް ދެމިގެންދިއުމާއި،
- ގަޑިއިރަކު އެއްފަހަރު ޕެޑް ބަދަލު ކުރަން ޖެހުން
- އެއްފަހަރާ ގިނަ ޕެޑް ބޭނުން ކުރަން ޖެހުމާއި،
- ބޮޑެތި ލޭގުޅަތައް، ނޫނީ ގަނޑުގަނޑަށް ލޭ އައުން އައުން ފަދަ ކަންކަން ވެސް ފާހަގަކުރެވެއެވެ.
- އާންމު ދިރިއުޅުމަށް ދަތިވުން،
- ބަނޑުގައި ރިހުން
- ވަރުބަލިކަމާއި ނޭވާލުމަށް އުނދަގޫވުން ހިމެނެއެވެ.

މެނޯރެޖިއާގެ އަލާމާތްތައް ކުޑަކުރުމަށް ފަތްޕިލާވެލީގެ ބާވަތްތަކާއި ތާޒާމޭވާއާއި ތަރުކާރީ ކެއުމަކީ ކުރަންޖެހޭ ކަމެކެވެ!
ނަމަވެސް، ބައެއް ފަހަރު މިކަން މެދުވެރިވާ ސަބަބު ޑޮކްޓަރުންނަށްވެސް ދެނެގަތުމަށް ދަތިވެއެވެ.
މި ހާލަތުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ، ރޭގަނޑު ޕެޑް ބަދަލުކުރަން ޖެހުމާއި، މަސައްކަތަށް ނުވަތަ ސްކޫލަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.
މިފަދަ އަލާމާތްތައް ހުރިނަމަ ޑޮކްޓަރަށް ދެއްކުން އެދެވިގެންވެއެވެ. އެހެނީ ގަދައަށް ލޭއައުން ކޮންޓްރޯލްކުރުމަށް އެކި ބާވަތުގެ ފަރުވާތައް ލިބެން ހުންނާތީއެވެ.
ގޭގައި ކުރެވިދާނެ ފަރުވާތައް: މެނޯރެޖިއާގެ އަލާމާތްތައް ކުޑަކުރުމަށް ގޭގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ! އޭގެ ސަބަބުން ތަދާއި ވޭނާއި ކަންބޮޑުވުން ދުރުކޮށްދޭނެއެވެ!

މަސްތަކަށް އަރާމު ލިއްބައިދިނުމަށްޓަކައި ހޫނުފެންހަމަކުން ބަނޑާއި އުނަގަނޑުމަތީގައި ބޮނޑިތާންކުރުން،/ ފޮޓޯ:އައިސްޓޮކް
ގިނައިން ލޭއައުން ނުވަތަ މެނޮރޭޖިއާ އަށް ގޭގައި ކުރެވިދާނެ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:
- ހައިޑްރޭޝަން: ލޭ އައުމުގެ ސަބަބުން ގެއްލޭ ލޭ އަނބުރާ ހަށިގަނޑަށް ލިބުމަށްޓަކައި ގިނައިން ފެން ބުއިން.
- ދަގަނޑު(އަޔަން ހިމެނޭ) އެކުލެވޭ ކާނާ: އެނީމިއާ ވިޔަ ނުދިނުމަށްޓަކައި ސްޕިނަޗް އަދި ފެހިފަތް ފަދަ ތަކެތި ކެއުން.
- ވިޓަމިން ސީ ގިނައިން އެކުލެވޭ ކާނާ ކެއުން.
- އިނގުރު، ރީނދޫ ނުވަތަ ރާސްބެރީ ފަތް ބޭނުންކުރުމުން ހަށިގަނޑުގެ އިންފްލަމޭޝަން ކުޑަވެ، ހޯމޯންތައް ރެގިއުލޭޓް ވާނެއެވެ. އަދި މީގެ އިތުރުން ފޮނިތޮށި، ކޮތަނބިރި ވެސް ބޭނުން ކުރެވިދާނެއެވެ.
- ފްލެކްސް ސީޑްސް ކެއުމުން ހޯމޯންތައް ބެލެންސް ވާނެއެވެ.
- އަރާމުކުރުން: ގިނައިން ލޭ އައުމުގެ ސަބަބުން ވަރުބަލިވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ވީވަރަކުން އަރާމުކުރުން.
- ކެފެއިން ބޭނުން ނުކުރުން: ގިނައިން ލޭ އަންނަ ދުވަސްވަރު ވީވަރަކުން ކެފެއިން ހިމެނޭ ތަކެތި ބޭނުން ނުކުރުން.
- މަސްތަކަށް އަރާމު ލިއްބައިދިނުމަށްޓަކައި ހޫނުފެންހަމަކުން ބަނޑާއި އުނަގަނޑުމަތީގައި ބޮނޑިތާންކުރުން، މިކަމަށްޓަކައި މިޒަމާނުގައި ހޫނުފެން އަޅާ ހަން ލިބެން ހުރެއެވެ.
- ޗޮކްލެޓް ކެއުމުގެ ސަބަބުން ސިކުނޑިން ދޫކުރާ އުފާވެރި ހިތްޖަމަޖައްސައިދޭ ހޯމޯނުގެ އެހީގައި މީހާއަށް އަރާމުލިބި ވޭން ދުރުކޮށްލަދޭނެއެވެ.
- މަސާޖުކުރުން: އެސެންޝަލް އޮއިލް ބޭނުންކޮށްގެން މަސާޖު ކުރުމުން ލޭ އައުމުގެ ވޭން ކުޑަވާނެއެވެ.
މީގެ އިތުރުން ޑޮކްޓަރީ ފަރުވާތަކަށް ހާއްސަ ކަމާބެހޭ އަންހެނުންގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.
މެނޯރެޖިއާގެ އަލާމާތްތައް ފެނިއްޖެނަމަ، ގޭގައި ފަރުވާދީގެންވެސް ލުޔެއް ނުލިބޭނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އެހެނީ މި ހާލަތަށް އެކަށީގެންވާ ފަރުވާ ލިބެން ހުރެއެވެ. އެހެންކަމުން ގޭގައި ކުރެވިދާނެ ފަރުވާތަކުގެ އިތުރުން، ޑޮކްޓަރީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.

