ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގާ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަޙައްދުގައި ފަށައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހަރަކާތް މިއަދު ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މި އޮޕަރޭޝަނުގައި އެ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މިއަދުގެ އޮޕަރޭޝަންގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައިވެސް އެ ވުޒާރާގެ ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެ ވުޒާރާގެ އެންޓި ޓިޕް އޮފީހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 21,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ކުރިން ވަނީ ހާމަކުރައްވާފައެވެ. އަދި 185 ރަށެއްގައި މި މަސައްކަތް ފަށައި، 55 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ސަރުކާރުގެ 9 ކުންފުންޏަކާއި ބޮޑެތި ކުންފުނިތައް ހިމެނޭހެން 2,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް އެއްކޮށްފައިވެއެވެ. މިއަދުގެ ހަރަކާތާ ހަމައަށް ޖުމްލަ 24,028 ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

