ބޭރު ފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން ފަށާއިރު، މަދުވެގެން 40 މިލިޔަން ޑޮލަރު މާރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ބޭރު ފައިސާގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި ޤާނޫނުގެ ދަށުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން ފަށަންޖެހެނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ.
އެމްއެމްއޭގެ އޮފިޝަލެއް ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖޭގެ 175 ރިސޯޓުގެ ތެރެއިން 138 ރިސޯޓެއްގެ ސޭލްސް ރިޕޯޓް އެމްއެމްއޭއަށް ލިބިފައިވެއެވެ. މި ރިޕޯޓުތަކަށް ބަލާއިރު 30 މިލިޔަން ޑޮލަރާއި 40 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ދެ ގިންތިއަކަށް ބަހާލައި، ރިސޯޓުތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު އަދި ގެސްޓް ހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހެއެވެ. ނުވަތަ އެ މީލާދީ މަހެއްގެ ތެރޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ ފުރުސަތު ޤާނޫނުން ވަނީ ފަހިކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފެށުމާއި، އަންނަ އަހަރު ފުރަތަމަ ކުއަރޓާއިން ފެށިގެން ފުރާ ކޮންމެ މީހަކަށް ދޫކުރާ 500 ޑޮލަރު 1000 ޑޮލަރަށް ބޮޑުކުރުން ހިމެނެއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާ ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.

