ދިވެހިންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބުރައީސް މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސިޔާސީ ފަރާތަކުން މީޑިއާއެއްގައި ވާހަކަދައްކަވަމުން މަގުމަތިން ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބިނާކުރަނިވި ފާޑުކިއުމަށް ޖާގަ ދެއްވާ ބޭފުޅެއް ކަމަށެވެ. އަދި މި ސިފައަކީ ޤައުމަށް އަދި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން ނުކުމެވަޑައިގަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ފާޑުކިޔުމުގެ ނަމުގައި ދިވެހިންނަކީ ނާތަހުޒީބު އަދި ޑިމޮކްރެސީއާއި ދުރުބައެއްކަން ދައްކަން އުޅުމަކީ، ދަށު ދަރަޖައިގެ ޢަމަލެއް. މިއީ ރައްޔިތުންނަށް ހަޖޫޖެހުން،” ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ވެރިކަމުން ދުރުކޮށް ޢަޒުލްކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އޭރު މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތްއިރު ބައެއް ވަޒީރުންނަށް ރުހުން ނުދީ ހިފެހެއްޓުމާއި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް ފަދަ މުހިންމު ބިލްތައް މަޖިލީހުން ބޭރުކުރިކަންވެސް ފާހަގަކުރެވެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ސިޔާސީ ފަރާތަކަށް ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ނުކުރައްވާނެ ކަމަށާއި، ސަރުކާރަށް ފާޑުކިއުމުގެ ޖާގަ ހުރިހާ ފަރާތަކަށްވެސް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

