ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާޢްވާ ބީޗް ވޮލީ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗު 24 ޖެނުއަރީ ގައި އޮންނާނެއެވެ. މި މެޗުގައި ވާދަކުރަނީ ހޫ ސްޕޯޓްސް ކުލަބު އަދި ބީޗް ބަމްޕާސް އެވެ. އަދި 2 ވަނަ މެޗުގައި ގެމަސީޓީ އަދި ވީބީ ސްޕައިކާސް ވާދަ ކުރާނެއެވެ.

ގެމަނަފުށި ބީޗް ވޮލީ ކަޕް 2025- ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޒުވާން ފޮޓޯ ގްރާފަރ
އެ ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި ގެމަނަފުށީގައި މުޅިން އަލަށް އަދި ހުވަދު އަތޮޅުގައި ވެސް މުޅިން އަލަށް ބާއްވަން ތައްޔާރުވަމުންދާ ބީޗް ވޮލީ މުބާރާތުގެ މަގުސަދަކީ ބީޗް ވޮލީ މި ސަރަހައްދަށް ތަޢާރަފް ކުރުމާއި، އަދި ހުނަރު ހުރި ކުދިންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ އިތުރުން، މިހާރު ކުރިއަރަމުންއަންނަ ބީޗް ވޮލީއަށް އިތުރު ހިތްވަރެއް ދިނުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިމެނޭ މުބާރާތެއް ކަމަށެވެ.

ގެމަނަފުށި ބީޗް ވޮލީ ކަޕް 2025- ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޒުވާން ފޮޓޯ ގްރާފަރ
މި އަހަރުގެ މުބާރާތް ހުޅުވާލެވިފައިވަނީ ގެމަނަފުށީ ޒުވާނުންނަށް ކަމަށްވިޔަސް، މުސްތަގުބަލުގައި މުބާރާތުގެ ފޯރި އާއި ޝައުގުވެރިކަމަށް ބަލައި މުޅި ހުވަދު އަތޮޅަށް ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށާއި، އަދި ބީޗް ވޮލީ މުބާރާތް އެސޯސިއޭޝަންގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގެމަނަފުށި ބީޗް ވޮލީ ކަޕް 2025- ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޒުވާން ފޮޓޯ ގްރާފަރ
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2025 ގައެވެ.

